ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ފޯނުން ގުޅުއްވައި ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކުން މަޝްވަރާކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) އަށް މި ޖުލައި މަހުގެ ފުރަތަމަ ދުވަހު 100 އަހަރު ފުރުމާއި ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ ކުރިއަށް އޮތް އަހަރު 50 އަހަރު ފުރޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިވީ 50 އަހަރު ތެރޭގައި މިހާތަނަށް ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި، ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ޗައިނާއިން ރާއްޖެއަށް އައު ސަފީރެއް އައްޔަންކުރައްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އައު ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޗައިނާ އާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ފޯންކޯލުގައި ޗައިނާގެ ރައީސްވެސް ވަނީ ދެ ޤައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ކައިރި މުސްތަޤްބަލެއްގައި ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުންވެސް ޗައިނާއިން ރާއްޖެއަށް އެހީވެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ޑެޕްޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީ.އެސްއެސްއައި) އަށް އެހީތެރިވެދިނުމަށް ނިންމަވާފައިވާކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއިން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށް ޗައިނާގެ ރައީސް ވިދާޅުވިއެވެ.

މި ފޯނުކޯލު ނިންމަވާލައްވަމުން ދެ ރައީސުން ވެސް ވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވައި ދެ ޤައުމުގެ މެދުގައިވާ ގުޅުންތައް ހަރުދަނާ މިސްރާބަކަށް ގެންދިޔުމުގެ އަޒުމް އާކުރައްވާފައެވެ.