ނަފްރަތުގެ ބިލަކީ އޮންނަން ޖެހޭ ބިލެއް ކަމަށް ގަބޫލުނުކުރައްވާކަމަށާ، ރަނގަޅީ ސަރުކާރުން އެ ބިލް އަނބުރާ ގެންދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރ އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރ އަލީ ހަމީދު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް، ސުންނީ ވެރިކަމެއް އޮންނަ ގައުމެއް ކަމަށާއި، ނަފްރަތުގެ ބިލަކީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އޮންނަންޖެހޭ ބިލެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި، މިފަދަ ބިލެއް ވުޖޫދަށް ގެނައުމުގެ ޒަރޫރީ ހާލަތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ޒަރޫރީ ހާލަތެއް ނެތް، އެފަދަ ބިލެއް ވުޖޫދަށް ގެނައުމުގެ. އެހެންވީމަ ވުޖޫދަށް ގެންނަން ނުޖެހޭ ބިލެއް އައިމަ ދިމާވާނެ ހުރިހާ މައްސަލަތައް ދިމާވެގެން މި ދަނީ."
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރ އަލީ ހަމީދު

މީގެއިތުރުން، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވަކީން ހާއްސަކޮށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާއިރު، ހުށަހަޅަންވާނީ ރިއާއަތްކުރަންޖެހޭ ކަންކަމަށް ވަރަށް ބޮޑަށް ރިއާއަތްކުރުމަށްފަހުގައި ކަމަށެވެ.

ނަފްރަތުގެ ބިލުން ރިއާއަތްކުރާ ކަމެއްގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ހައްލެއް ގެނެވޭނެ އެއްވެސް ކަމެއް އޮތްކަމަށް ގަބޫލް ނުކުރައްވާ ކަމަށްވެސް މެމްބަރ އަލީ ހަމީދު ވިދާޅުވިއެވެ. އަދި، ނަފްރަތުގެ ބިލު ތަންފީޒުކުރެވިގެން ހިނގައްޖެނަމަ، ދިވެހިރާއްޖޭގެ މުޖުތަމައުގެ މައްސަލަތައް އިތުރުވެގެންދާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ.

އަލީ ހަމީދު ވިދާޅުވީ، ސިޔާސީ ބޭފުޅުންނަކީ އެބޭފުޅުންގެ ސިޔާސީ މުސްތަގްބަލާއި ދޭތެރޭ ވިސްނަވާނެ ބައެއް ކަމަށާއި، ނަފްރަތުގެ އަމަލު ހުއްޓުވުމަށް ހުށަހަޅާފައިވާ މި ބިލަކީ ބައެއް ސިޔާސީ ބޭފުޅުންގެ ޒާތީ މަސްލަހަތު ތަކެއް އޮވެގެން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މިފަދައިން ވިދާޅުވާން އެއްގޮތަކަށްވެސް ފަސްޖެހިވަޑައި ނުގަންނަވާކަމަށް މެމްބަރ ވިދާޅުވިއެވެ.

އަދި، އެމްޑީޕީގެ 65 މެމްބަރުންނަށް ރައްޔިތުން ވޯޓު ދެއްވީ، ރައްޔިތުންގެ ގިނަ އުއްމީދުތަކަކާއެކު ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އަދި 65 ގޮނޑީގައި ތިއްބަވާ މެމްބަރުން އެފަދަ ނާއުއްމީދީ ކަމެއް ކުރާނެ ކަމަށް ދެކިނުލައްވާ ކަމަށާއި، އެބޭފުޅުންނަށް ހެޔޮވިސްނުން ލބިލައްވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށްވެސް މެމްބަރ ވިދާޅުވިއެވެ.

އަދި ތަމްސީލް ކުރައްވަނީ ދާއިރާގެ ރައްޔިތުންކަމަށާއި، ޕާޓީއެއްގެ މެމްބަރަކަށްވީ ނަމަވެސް ދޫނުކުރައްވާނެ ބައެއް ކަންކަން ހުންނާނެ ކަމަށް މެމްބަރ އަލީ ހަމީދު ވިދާޅުވިއެވެ.