ހދ. އަތޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ގާއިމްކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި އެ ސަރަހައްދުގައި ކުރިއަށްދާ އެކިއެކި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި އަދި، މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރައްވާފައެވެ.

ވަކިން ޚާއްސަކޮށް ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ފެށުމަށް ބޭނުންވާ ކަމަށާއި، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ބަނދަރާއި، ފެނާއި ނަރުދަމާ އަދި، ސްކޫލްތަކާއި، ޒުވާނުންނަށް ބޭނުންވާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އަތޮޅުކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ހުށަހެޅުއްވި ކަންކަމާއި އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ފަހުގެ މައުލޫމާތުތައް ރައީސް ވަނީ ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރަޙައްދުގައި ރަނގަޅު ފެންވަރުގެ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައި މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށި ސިޓީގެ ބައެއް ވިޔަފާރިވެރިންނާވެސް ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައްވެސް އަޑުއައްސަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.