ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު 500 ޑޮލަރަށް އިތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެންހުރި މިންވަރަށް ނުހަނު ބޮޑު ނޭދެވޭ އަސަރެއްކޮށްފައިވާތީ، އެބޭންކުން 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ވަނީ ބޭންކުން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދަށް ބަދަލުގެނެސްފައެެވެ.

އެހެންކަމުން މިހާލަތުން އަރައިގަތުމުގައި ލިބެމުންދާ ކުރިއެރުމަށް ބަލައި، ކްރެޓިޑް ކާޑަށް ދީފައިވާ ލިމިޓް އިތުރުުކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ.

އެގޮތުން 17 ޖުލައި 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދު މިހާރު ވަނީ 500 ޑޮލަރަށް އިތުރުކޮށްފައެެވެ.

މި އަދަދު ކަނޑައެޅިފައިވަނީ ކޮންމެ 30 ދުވަހެއްގެ މުއްދަތަކަށްކަމަށް ބޭންކުން ބުނެއެވެ.

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެއެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

ބީއެމްއެލްއިން ބުނީ، މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށެވެ. މިގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.

ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެ ކަމަށާއި، ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް ބޭންކުން ވަނީ ބުނެފައެވެ.