ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވުމުގެ ހައްލަކީ އަވަސް އިންތިޚާބެއް ބޭއްވުން ކަމަށް ކުރީގެ ވަޒީރު، މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައިވަނީ މިވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ރައީސްއަށް ބާރުފޯރުވަކަމަށް ތުހުމަތުކުރައްވާ ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މަލީހު އިތުރަށް ވިދާޅުވީ، ފާޅުގައި މިސަރުކާރާއި ދެކޮޅުކަން ވެރިކަން ކުރަމުންދާ މައިޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމަކީ މިސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުން ކަމަށާއި، މިހާލަތުގައި ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިޚާބެއް ބާއްވައި ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ސަރުކާރެއް އެކުލަވާލުން ކަމަށެވެ.

އަދި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވުމާއި ގުޅިގެން، އެކަމަށް އިޝާރަތް ކުރައްވާ މަލީހު ވިދާޅުވީ، ކުޅުދުއްފުށިން އިވިގެން އެ ދިޔައީ އަވަސް އިންތިހާބެއް ބާއްވަންޖެހޭ ކަމުގެ އަޑުކަމަށެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށެވެ.

އަދި، އަދި މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް ފުޑު ފުޑު ކޮށްލާފައިވާ ކަމަށްވެސް މި ބަޔާނުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީ ހޯއްދަވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.