ފިހާރަތަކާއި، ވިޔަފާރީގެ މުއާމަލާތްތަކާއި، ވިޔަފާރީގެ ޚިދުމަތްދޭ ތަންތަން ނަމާދު ވަގުތުތަކުގައި ހުޅުވާފާއި ބެހެއްޓުމުގެ ހުއްދަ ސައުދީ އަރަބިއްޔާއިން ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ފެޑެރޭޝަން އޮފް ސައުދީ ޗެމްބާރސްއިން އާންމުކުރި ސާކިއުލާއެއްގައެވެ.

ސާކިއުލާގައި ބުނެފައިވަނީ، މަސައްކަތު ގަޑިތަކުގައި ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދެވިދާނެ ކަމަށާއި، އޭގެ ތެރޭގައި ނަމާދުގެ ވަގުތުތައްވެސް ހިމެނޭ ކަމަށެވެ.

މިގޮތަށް ނިންމި ސަބަބުވެސް ސާކިއުލާގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ބުނެފައިވަނީ، ނަމާދުގެ ވަގުތުތަކުގައިވެސް ފިހާރަތައް ހުޅުވާފައި ބެހެއްޓުމާއި، އިގްތިސާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދޭން ނިންމީ، ކޮވިޑްބަލި ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނާއި، އަދި ވިޔަފާރިކުރަންދާ މީހުންނާއި، ކަސްޓަމަރުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މީގެ އަނެއް ބޭނުނަކީ، ގިނަމީހުން އެއްތަންވުން ކުޑަކުރުމާއި، ނަމާދުގެ ވަގުތުތަކަށް ފިހާރަތައް ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި ފިހާރަތަކުގެ ބޭރުގައި މީހުން ގިނަވިޔަ ނުދިނުން ކަމަށްވެސް ފެޑެރޭޝަން އޮފް ސައުދީ ޗެމްބާރސްއިން ނެރުނު ސާކިއުލާގައި ބުނެފައި ވެއެވެ.

މިގޮތަށް ނިންމި ނަމަވެސް، ވިޔަފާރިކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ވިޔފާރިކުރަންދާ މީހުންނާއި، އެކިއެކި ޚިދުމަތްތައް ހޯދަންދާ ކަސްޓަމަރުންގެ ނަމާދު ލަސްވުން ނުވަތަ ނަމާދަށް ހުރަސް ނޭޅޭގޮތަށް މަސައްކަތާއި އަދި ޚިދުމަތްތައް ދިނުން އިންތިޒާމު ކުރުމަށްވެސް ސާކިއުލާގައި އަންގާފައި ވެއެވެ.

މިކަމާ ގުޅޭގޮތުން ފެޑެރޭޝަން އޮފް ސައުދީ ޗެމްބާރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިނިންމުން ނިންމާފައިވަނީ ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ސައުދީ އަރަބިއްޔާގައި މިހާރު އަމަލުކުރަމުންދާ އުސޫލުގައި، ކޮންމެ ނަމާދު ވަގުތަކަށް ފިހާރަތަކާއި ވިޔަފާރިތައް ގާތްގަނޑަކަށް ބައިގަޑިއިރަށް ބަންދުކުރަން ޖެހެއެވެ.

މިބަދަލަކީ، ސައުދީ އަރަބިއްޔާއަށް ގެންނަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން އެޅި ފިޔަވަޅެކެވެ.

ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުހަންމަދު ބިން ސަލްމާންގެ 2030 ގެ ތަސައްވުރުގެ ދަށުން، ސައުދީ އަރަބިއްޔާ 'ޒަމާނީ" ކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައެވެ. އޭގެ ތެރޭގައި ސައުދީ އިގްތިސާދުގައި ޕްރައިވެޓް ސެކްޓަރގެ ހިއްސާ އިތުރުކުރުން ހިމެނެއެވެ.

މުހަންމަދު ބިން ސަލްމާންވަނީ އިސްލާމްދީނުގެ "މެދުމިނުގެ އުސޫލުތަކެއް" ސައުދީގައި ގާއިމްކުރައްވާނެ ކަމަށް ވައުދުވެވަޑައި ގެންފައެވެ. އެކަމަށް އޭނާވަނީ އެތައް ފިޔަވަޅުތަކެއްވެސް އަޅުއްވާފައެވެ.