މިއަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖުވެރިން މައްކާއަށް އަންނަން ފަށައިފިއެވެ.

އެގޮތުން، މިއަހަރުގެ ހައްޖުގެ އަޅުކަމަށް އަންނަން ހަމަޖެހިފައިވާ މީހުންގެ ފުރަތަމަ ގްރޫޕްގެ މީހުން މިއަދުގެ މެންދުރުފަހުވަނީ މައްކާގައި ހުންނަ މަސްޖިދުލް ހަރަމަށް އައިސް ޠަވާފުލް ޤުދޫމް ފުރިހަމަ ކޮށްފައެވެ.

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން މިއަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދީފައިވަނީ 60،000 މީހުންނަށެވެ. އެއީ، ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ކަނޑައެޅި މީހުންނެވެ.

މިއަހަރަކީ، ހައްޖުގެ މަތިވެރި އަޅުކަމަށް ބޭރު ގައުމުތަކުގެ މީހުންނަށް ފުރުސަތު ނުދޭން ސައުދީ އަރަބިއްޔާއިން ނިންމި ދެވަނަ އަހަރެވެ.

އެހެން ނަމަވެސް، ހައްޖުގެ އަޅުކަމަށް ފުރުސަތު ދެވުނު މީހުން ދުނިޔޭގެ 150 ގައުމަކަށް ނިސްބަތްވާ ކަމަށް ސައުދީ މިނިސްޓްރީ އޮފް ހައްޖުން ބުނެފައިވެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސައުދީން އެންމެބޮޑު އިސްކަމެއް ދީފައިވަނީ، ހައްޖަށް އަންނަ މީހުންގެ މެދުގައި ކޮވިޑްބަލި ފެތުރުމުގެ ފުރުސަތު ނުދިނުމުގެ މައްޗަށެވެ.

އެހެންވެ، ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވަނީ، ބައްޔެއްގައި ނޫޅޭ އަދި ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ.

އަދި ބަލިން ރައްކާތެރިވުމަށް ހައްޖަށް އަންނަ މީހުން އަމަލުކުރަންޖެހޭ ވަރަށް ހަރުކަށި އުސޫލުތަކެއް މައްކާއާއި މަދީނާގައިވަނީ އަޅާފައެވެ.

ޠަވާފުލް ޤުދޫމް ފުރިހަމަކުރުމަށް ހައްޖުވެރިން މަސްޖިދުލް ޙަރަމަށް ވަންނަން ވަކި ދޮރުތަކެއް ކަނޑައަޅާފައިވާއިރު، ޠަވާފުލް ޤުދޫމް ފުރިހަމަ ކުރުމަށްފަހު ޠަވާފުކުރާ ސަރަހައްދުން ނުކުންނަންވެސް ވަކި ދޮރުތަކެއްވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެ އަރަފާތު ދުވަސް ނުވަތަ ޙައްޖު ދުވަހަކީ މި ޖުލައިމަހުގެ 19 ވާ ހޯމަދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވެއެވެ.

އަރަފާތު ދުވަހުގެ އިތުރުން، މިއަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ދުވަކީ ޖުލައިމަހުގެ 20 ވަނަ ދުވަސް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފެށޭނީ މާދަމާއެވެ. އަދި ނިމޭނީ ޖުލައިމަހުގެ 22 ވަނަ ދުވަހުއެވެ.