ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމަނައިޒްކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި އެތައް ޒަމާނެއްވަންދެން ހައްލުނުވެ ހުރި ކަންކަން ސަރުކާރުން ހައްލުކޮށްދެއްވައިފި ކަމުގައި، މި 3 ސްކޫލުގެ އިސްވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތައުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްގީކުރާ 2 ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލުކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މި ޕްރޮޖެކްޓާބެހޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފަވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމަނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތައުލީމީ ދާއިރާއަށްކަން ހާމަކުރައްވާފައެވެ.

ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްސަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމާއި ބެހޭގޮތުން އަދި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުޅުދުއްފުށްޓަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.