ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ހދ. ކުމުންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުމުންދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މަޝްރޫޢުތަކެއް ކަމުގައި ކުމުންދޫ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު މެންދުރުފަހު ކުމުންދޫ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކުމުންދޫ ކައުންސިލުގެ މެންބަރުން ވަނީ ކުމުންދޫގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ދަތި އުނދަގޫ މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

އަދި ކައުންސިލުން ވަނީ އެތައް އަހަރެއްގެ ތެރޭގައި ނުކުރެވޭހާ ގިނަ ތަރައްޤީގެ ކަންކަން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެރަށަށް ހާސިލުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ރަށުގެ ބަނދަރަށް ވަދެ ނިކުމެ ވުމުގައި ހުރި ދަތިކަމުގެ މައްސަލައެވެ.

އަދި، ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ސްކޫލަށް ބޭނުންވާ ކަންކަމާއި، ރަށުގެ ވިޔަފާރިޔާ އިޖްތިމާޢީ ކަންކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރިއެވެެ. މި ބައްދަލުކުރެއްވުުގައި ރަށު ކައުންސިލުން ވަނީ ރަށުގެ މާސްޓަރ ޕްލޭންގެ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ނެތުމުން ދިމާވާ ދަތިތައް ވަނީ ފާހަގަކޮށްފައެވެ. އަދި، ރަށުގައި ދަނޑުވެރިކަންކުރާ އަންހެނުންނަށް، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރާނެ ގޮތްތަކެއް ފަހިކުރުމާއި ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ވަނީ މަޝްވަރާކުރައްވާފައެވެެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނދަރުގެ ނެރުގެ މައްސަލައަކީ ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ހެލްތު ސެންޓަރާއި ސްކޫލްގެ 12 ކްލާސްރޫމް އިމާރާތާއި އަދި ސްކޫލާއި ގުޅިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ.

އަދި ކުމުންދޫ ރައްޔިތުން އެދޭ ފަދައިން އެރަށުގައި ފޮލިސް ޕޯސްޓެއް ގާއިމުކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.

މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.