ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމްކުރުމަށް އެޕާޓީގެ ޒުވާނުންގެ ހިއްވަރުން ގޮވާލާފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން މިކަމަށް ގޮވާލީ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައިވަނީ މިރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, މިޕާޓީއިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެންކަމަށް ވީހިނދު, ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ގޮވާލާ ކަމަށެވެ.

ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގާ އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތަށް ބޮލާލާނުޖެހުމަށް މި ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން ފުރިހަމައަށް ތާއީދުކުރަމެވެ.

އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުންކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގާވެސް އެމްޑީޕީއިން ވީ އެންމެ މުހިންމު އެއް ވައުދަކީ ގޮތް ނޭންގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށެވެ.

ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުއްالله އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެންކަންވެސް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން ނެރުނު ބަޔާނުގައިވެއެވެ.

އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މިޕާޓީގެ ޒުވާނުންގެ ހިއްވަރުން ދެކޭ ކަމަށް ބަޔާނުގައިވެއެވެ.