ހަނިމާދޫގައި ތަރައްގީކުރަން ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމަށް އެރަށު ކައުންސިލުން އެދެފިއެވެ.

ހަނިމާދޫ ކައުންސިލުން މިކަމަށް އެދުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހދ. ހަނިމާދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ހދ. ހަނިމާދޫ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ހަނިމާދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެރަށަށް ތަރައްގީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަން އެރަށުގެ ކައުންސިލުން ވަނީ ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުވުން އޮތީ މިއަދު ހެނދުނު، ހަނިމާދޫގައި ހުންނަ ބެއަރފޫޓް ހޮޓެލްގައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރަމުންގެންދާ މުހިންމު މަސައްކަތްތަކާއި، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ ކަންކަމާގުޅޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ހަނިމާދޫގައި ތަރައްގީކުރަން ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އަދި، އެއަރޕޯޓާ ގުޅިގެން އެކި ގޮތްގޮތުން ރަށަށް ލިބޭނެ ކުރިއެރުންތައް ކައުންސިލުން ފާހަގަކޮށްފަވާއިރު މިހާރުވެސް ހަނިމާދޫގައި ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫޢުތަކާއެކު އެރަށަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ކައުންސިލަރުން ވަނީ ބޯހިޔާވަހިކަމާއި ބޭހޭގޮތުނާއި، ސިއްޙީ ޚިދުމަތާއި، މަގުހެދުމާއި، ދަތުރުފަތުރުގެ ދާއިރާ އަދި، ޔޫޓިލިޓީޒްގެ އިތުރުން ތައުލީމީ ދާއިރާއިންނާއި އިޖްތިމާޢީ ކުރިއެރުމުގެ ދާއިރާއިން އިތުރަށް ބޭނުންވާ ކަންކަންވެސް މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެރަށުގައި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ސްކޭންގެ ޚިދުމަތް ބޭނުންވާކަމަށާއި އަދި، އަންހެނުންނާއި ޒުވާނުންނަށް ވޮލީ ކޯޓެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި އެކޮމިޓީއިން ކުރިޔަށްގެންދާ މަސައްކަތްތަކާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް އެ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫގައި ތަރައްގީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޚާއްސަކޮށް މުޅި ބޮޑު ތިލަދުންމަތީގެ ތަރައްގީއަށާއި، ފަތުރުވެރިކަމުގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ.

އަދި އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމުގައި ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުން ލިބިގެންދިއުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހައުސިންގެ މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ހިމެނޭކަމާއި ޞިއްޙީ ދާއިރާއިން 30އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މިއަހަރަރުގެ ތެރޭގައި ޓެންޑަރ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށާއި އަދި މި ނޫންވެސް ހަނިމާދޫގައި ސަރުކާރުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ބައެއް ޕްރޮޖެކްޓްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.