މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ގޯލު ބެލެހެއްޓި އުޒްބަކިސްތާނުގެ ކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެއްޖެއެވެ.

ހޮނިހިރު ދުވަހު މާޒިޔާ އިން މީސްމީޑިއާގައި ވަނީ މިކަން ހާމަކޮށްފައެވެ. އެގޮތުން މާޒިޔާ އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިރްޒޮހިދު މާޒިޔާ އަށް ބަދަލުވެފައިވާ ކަމަށާއި، ފާއިތުވީ ސީޒަނުގައި އޭނާ އަކީ ލީގުގައި ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. މާޒިޔާ އިން މިރްޒޮހިދު ޓީމާއި ގުޅުނުކަން ހާމަކޮށްފައިވާއިރު އޭނާ އަންނަނީ މާޒިޔާ ފަރިތަކުރުންތަކުގައިވެސް ބައިވެރި ވަމުންނެވެ.

27 އަހަރުގެ ތަޖުރިބާކާރު ކީޕަރު ވަނީ ފާއިތުވީ ސީޒަނުގައި ސަސް އިން ކުޅުނު 14 މެޗުގައިވެސް އެޓީމުގެ ގޯލު ބަލަހައްޓާފައެވެ. ސީޒަން ފުރިހަމަ ނުކޮށް ނިންމާލަން އެފްއޭއެމުން ނިންމިއިރު ކުޅުނު 14 މެޗުން 15 ޕޮއިންޓާއެކު ސަސް އޮތީ ޕޮއިންޓް ތާވަލުގެ 6 ވަނައިގައެވެ. ސަސް ކޮޅަށް ވަނީ 14 މެޗުން 18 ލަނޑު ވަދެފައެވެ.

ކުރިއަށް އޮތް ސީޒަނާއި މި އަހަރުގެ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމަށް މާޒިޔާ އިން މަސައްކަތް ތަކެއް ކުރަމުން އަންނައިރު މިދިޔަ ސީޒަން އެ ޓީމުން ފެށީ ސާބިއާގެ ގޯލްކީޕަރު ނިކޮލާ ވުޔަަނަކާއެކުއެވެ. އެކަމަކު ސީޒަނުގެ މެދުތެރެއިން ވުޔަަނަކް ދޫކޮށްލިއިރު، މި އަހަރުގެ މާޗު މަހުގެ ތެރޭގައި އެ ޓީމުގެ ގޯލްކީޕަރަކަށް ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް-ޔޫސުފް ވަނީ އަލުން ހަމަޖައްސާފައެވެ. އެކަމަކު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މަހުމޫދަށް ގިނަ މެޗުތައް ގެއްލުނުއިރު، މިދިޔަ ސީޒަނުގެ ގިނަ މެޗުތަކުގައި މާޒިޔާގެ ގޯލް ބެލެހެއްޓީ ރާއްޖޭގެ ޒުވާން ގޯލްކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ.

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު މާޒިޔާ އިން ފަރިތަކުރުންތައް ފެށިއިރު އެ ޓީމަކީ މި އަހަރުގެ އޭއެފްސި ކަޕުގެ ގްރޫޕް ސްޓޭޖުން އަދި ޖާގަ ހޯދާފައިވާ ރާއްޖޭގެ ހަމައެކަނި ކުލަބެވެ. ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ގްރޫޕުގެ ފަހު ޖާގަ ލިބޭނީ ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ޕްލޭ-އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.

ތަޖުރިބާކާރު ކީޕަރެއްގެ ސޮއި މާޒިޔާއިން ހޯދިއިރު އެކުލަބަކީ ފާއިތުވީ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އެވެ. މި ނިމުނު ސީޒަނުގައި މާޒިޔާއަށް ޗެމްޕިއަންކަން ލިބުނީ ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލިއިރު، ތާވަލުގެ އެއްވަނަ މަގާމުގައި އޮތުމުންނެވެ. މާޒިޔާއަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބުނުއިރު، އެ ޓީމުން ލީގު ދިފާއުކުރީ ނުވަ ޕޮއިންޓުގެ ލީޑަކާއެކުއެވެ.