ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މެދުތެރެ ބެލެހެއްޓުމުގައި ފާހަގަ ކޮށްލެވުނު މިޑްފީލްޑަަރު ޔަސްފާދު ހަބީބް (މުލަކޭ) އެކުލަބު ދޫކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެއްޖެއެވެ.

ސަސްގެ ކުޅުންތެރިއެއްގެ ގޮތުގައި މުލަކޭ ތައާރަފް ކޮށްފައިވައިވަނީ ހުކުރު ދުވަހުގެރޭ ސަސްގެ ކޮފީ ކުލަބުގައި ވޭއްވި ހަފްލާއެއްގެ ތެރެއިންނެވެ. މިއީ އެކުލަބުގެ ސްޕޮންސަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.

އުމުރުން 28 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރު ދަ ގްރާންޑޭ އަށް އެންމެ ފުރަތަމަ ސޮއިކުރީ 2019 ވަނަ އަހަރުއެވެ. ނިމިދިޔަ ސީޒަނުގައި ދަ ގްރާންޑޭގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މުލަކޭ ވަނީ 14 މެޗުން 4 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. ދަ ގްރާންޑޭ އާއި ގުޅުމުގެ ކުރިން މުލަކޭ ފެނިގެން ގޮސްފައިވަނީ ފާއިތުވީ ދެ ސީޒަނުގެވެސް ދިވެހި ލީގުގެ ޗެމްޕިއަން ޓީމު ކަމުގައިވާ މާޒިޔާ އިންނެވެ.

މުލަކޭ ވަނީ މާޒިޔާގައި ކާމިޔާބު ތިން އަހަރު ހޭދަކޮށްފައެވެ. އެގޮތުން އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް އޭނާ ދެއްކިއިރު، އޭއެފްސީ ކަޕުގައި 2017 ވަނަ އަހަރު މާޒިޔާ ވާދަކުރިއިރު، ފުރަތަމަ އެގާރައިގައި ހިމެނިގެންވެސް މުލަކޭ ވަނީ ކުޅެފައެވެ.

އަންނަ ސީޒަނަށް މުލަކޭ ސަސްއާ ގުޅުނުއިރު، އެ ޓީމުގެ ކޯޗަކީ ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ނަގާފައިވާ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެވެ. މިދިޔަ ސީޒަނުގެ މެދުތެރެއިން މޯހަން ސަސްއާ ހަވާލުވިއިރު، ސަސްއިން މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލީ ހަވަނައިގައި އޮވެގެންނެވެ. ސަސްއަށް ލީގުގައި ކުޅުނު 14 މެޗުން 15 ޕޮއިންޓް ލިބުނުއިރު، އެ ޓީމު މޮޅުވީ ތިން މެޗުންނެވެ.