ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓުތައް ނިންމުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ، ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓު ނިންމުމުގެ މަސައްކަތާއި، އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބެޖް ޕްރައިވެޓް ލިމިޓެޑާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަސައްކަތް ދޮންބެޖް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 79.3 މިލިއަން ރުފިޔާއަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން 52 ހައުސިން ޔުނިޓުތައް ނިންމުމަށް ކުރަންހުރި މަސައްކަތްތައް ކޮށް ނިންމުމާއި، 48 ހައުސިން ޔުނިޓެއްގެ މަސައްކަތް އަލުން އިމާރާތްކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއަށް ޚަރަދު ކުރަނީ މިއަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ނިންމުމަށް ހަވާލުކޮށްފައިވާ 52 ހައުސިން ޔުނިޓުގެ މަސައްކަތަކީ 2011 ވަނަ އަހަރު ފަށާފައިވާ މަސައްކަތެކެވެ. އެހެންނަމަވެސް 2014 ވަނަ އަހަރު މިމަސައްކަތް ވަނީ ހުއްޓިފައެވެ.

މި މަސައްކަތް ދޮންބެޖް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ދޮންބެޖް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސްތެރޭ ނިންމާށެވެ.