ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ގައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިމަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިމަސައްކަތުގެ ދަށުން ނޮޅިވަރަންފަރުގައި އިމާރަތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓު ނިންމުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 53.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށާއި، މިމަޝްރޫއަށް ޚަރަދު ކުރާނީ މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫއަކީ 2011 ވަނަ އަހަރު ފަށާފައިވާ އެހެންނަމަވެސް 2014 ވަނަ އަހަރު ހުއްޓިފައިވާ މަސައްކަތެކެވެ.

މިމަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ މަޝްރޫއުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އާދަމް ރަހީމެވެ.

މިމަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 240 ދުވަސްތެރޭ ނިންމާ ގޮތަށެވެ.