އުފާވެރި އަޟްހާ އީދުގެ މުނާސަބަތަކީ އެންމެ ކުލަގަދަކޮށް މުސްލިމުން ފާހަގަކުރާ އީދެވެ. ގިނަ މީހުންނަށް އާންމު ދިރިއުޅުމުން އެކަހެރިވެ، ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލާ ހިތްހަމަޖައްސަލަން ލިބޭ ފުރުސަތެކެވެ. ދިވެހީންނާއި، މުޅި އިސްލާމީ އުންމަތުގައިވެސް އެންމެބޮޑުކޮށް އެންމެ ފޯރީގައި ފާހަގަކުރާ އީދެވެ.

އާދަކާދައިގެ މަތީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރީގައި ޢީދު ފާހަގަކުރަމުން އައި ނަމަވެސް، ދުނިޔެއަށް ދިމާވެފައިމިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފާއިތުވި އީދުވެސް ފާހަގަނުކުރެވި، އަޅުގަނޑުމެން ހޭދަކުރަންޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އާއިލާއާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަނުކުރެވި، ތިބެންޖެހުނީ ފުރަބަންދުގައެވެ.

މިހާލަތަށް ދޮޅުއަހަރު ދުވަސް ވެފައިވާއިރު، އަނެއްކާވެސް އަޟްހާ އީދު އައިސް ކުރިމަތިމިވީ ހަމަ މިބަލިމަޑުކަމުގެ ތެރޭގައެވެ.

ކޮވިޑްގެ ތިންވަނަ ރާޅާއިއެކު، ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެ، ރާއްޖޭގެ ހާލަތު ގޯސްވެފައި ވީނަމަވެސް، އެންމެންގެ އެއްބާރުލުމުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވި، ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރިއަށް އޮތް އީދު ބަންދަށް ވަނީ ލުއިދީފައެވެ.

އުފާވެރިކަމުގެ ނޭވާއެއް ލެވުނުހިނދު، މިފުރުސަތުގައި އާއިލާތައް ކައިރިއަށް ދިއުމަށް ގިނަ ބަޔަކު ވަނީ އަވަސްވެގަނެފައެވެ.

ޝަރުތުތަކަކާއެކު ދަތުރު ކުރުމަށް ސަރުކާރުން ހުއްދަ ދީފައި ވީނަމަވެސް، މިބަލިމަޑުކަމުގެ ތެރޭގައި އީދު ކުރިން ފާހަގަކުރަމުން އައި ގޮތަށް ބޮޑުކޮށް ފާހަގަ ކުރުމުގެ ދޮރުތައް މުޅީންހެން މިވަނީ ބަންދުވެފައެވެ. ހެލްތު ޕރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ގިނަ މީހުން އެއްވެގެން ހަރަކާތްތައް ބޭއްވުން މަނާކޮށްފައެވެ.

އީދު ބަންދާއި ޗުއްޓީގައި ދަތުރު ކުރުމާއި އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދ، ގިނަމީހުން އެއްވެގެން ކުރިއަށްގެންދާ ހަރަކާތްތައް ނުބޭއްވުމަށާއި، އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭފަދަ ހަރަކާތްތައް އިޚްތިޔާރު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައެވެ.

އީދު ބަންދުގައި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އީދު ފާހަގަކުރުމަށް ކުޅޭ ހުރިހާ ކުޅިވަރުތަކަކީވެސް، ގިނަބަޔަކު އެއްވެގެން ކުޅޭ ކުޅިވަރުތައް ކަމަށްވާއިރު، މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައިވެސް މީހުން އެއްވެ، ތޮއްޖެހޭގޮތަށް އެއްވެސް ކުޅިވަރެއް އިންތިޒާމް ނުކުރުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި، ކޮވިޑް-19 ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މިދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަތޮޅުތެރޭގެ 44 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި، ބައެއް ރަށްރަށުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ކާފިއު އިއުލާނުކޮށް، ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ތައުލީމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، އީދު ބަންދު ކުރިމަތިވީ ކުދީންގެ ބޮޑު ޗުއްޓީއާވެސް ދިމާކޮށެވެ. ވޭތުވެދިޔަ އަހަރު، ގޭގައިތިބެ އޮންލައިކޮށް ކުލާސްތައް ކުރިއަށް ގެންގޮސްފައިވާއިރު، މާލޭގެ ތޮއްޖެހިފައިވާ ދިރިއުޅުމުން އެކަހެރިވެ، ގެއިން ބޭރަށް ނިކުމެލާނެ ފުރުސަތެއްވެސް މިކުދީންނަށް ނުލިބެއެވެ. މިފަދަ ޗުއްޓީއެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ބަޔަކީ ކިޔަވާކުދީންކަން ގައިމެވެ.

މިއަހަރުގެ ފިތުރު އީދުގައިވެސް ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ، ކުޑަ އީދުވެސް ކުރިން ފާހަގަކުރާ ގޮތަށް ގިނަ ރަށްރަށުގައި ފާހަގައެއް ނުކުރެއެވެ.

މިބަލިމަޑުކަމުން ސަލާމަތްވެ، ކުރީގެ ދިރިއުޅުމަށް ދާން އަޅުގަނޑުމެން އެންމެންވެސް މިތިބީ ނުހަނު ކެތްމަދުވެފައެވެ. ހާސްކަމާއި، ބިރުވެރިކަމުގެ މާހައުލުން ނުކުމެ، ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ނަމަވެސް، އަދި ދިރިއުޅެން ޖެހިފައިމިވަނީ މިބަލިމަޑުކަމާއި އެކުގައެވެ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ.