މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެން މައްކާއަށް ޖަމާވެއްޖެއެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާއިން ފުރުސަތު ދިން މީހުން މައްކާއަށް ޖަމާވާން ފަށާފައިވަނީ އިއްޔެއެވެ.

އަދި ހުރިހާ ހައްޖުވެރިން މަސްޖިދުލް ޙަރަމްގައި ޠަވާފުލް ޤުދޫމް ފުރިހަމަ ކުރުމަށްފަހު މިހާރުވަނީ މިނާ ވާދީއަށް ދާން ފަށާފައެވެ.

ސައުދީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ އަބްދުލް ފައްތާހް ބިން ސުލައިމާން ވިދާޅުވީ، މިއަދުގެ މެންދުރާ ހަމައަށް 46،000 ހައްޖުވެރިން މިނާއަށް ގޮސްފައިވާ ކަމަށެވެ.

ހުރިހާ ހައްޖުވެރިންވެސް މިރޭ ހޭދަކުރާނީ މިނާގައެވެ. މިނާ އޮންނަނީ މައްކާގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައެވެ.

ހައްޖުގެ އެންމެ މުހިއްމު ފަރުޟަކީ އަރަފާތުދުވަހު އަރަފާތު ބިމުގައި ވަގުތުކޮޅެއް ހޭދަކުރުމެވެ. ހައްޖު ދުވަހު އަރަފާތު ބިމަށް ނުދެވޭ މީހާއަށް ހައްޖެއް ނުލިބޭނެއެވެ.

އަރަފާތު ބިމުގައި ހައްޖުވެރިން މާދަމާ މުޅިދުވަސް ހޭދަކުރާނީ ގުރުއާން ކިޔެވުމާއި އަޅުކަމުގައެވެ. އަދި އޭގެފަހުން ހައްޖުވެރިން ދާނީ މުޛްދަލިފާއަށެވެ. ޖަމްރާއަށް އުކަން ކޮންމެ ހައްޖުވެރިޔަކު ހިލަކޮޅުތައް ހޮވާނީ މުޛްދަލިފާގައި ތިބޭ ތިބުމުގައެވެ.

މުޒްދަލިފާގައި ރޭ ކުރުމަށްފަހު ހައްޖުވެރިން އެނބުރި މިނާއަށްގޮސް ތިން ޖަމްރާއަށް ހިލައުކަން ފަށާނީ އީދު ދުވަހުއެވެ. ޖަމްރާއަށް ހިލައުކުން ތިންދުވަހަށް ދެމިގެންދާނެއެވެ.

ޙައްޖުވެރިން ޠަވާފުލް ޤުދޫމް ފުރިހަމަކުރަނީ:

ކޮވިޑްބަލީގެ ހާލަތާ ގުޅިގެން މިއަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދީފައިވަނީ 60،000 މީހުންނަށެވެ. އެއީ، ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ކަނޑައެޅި މީހުންނެވެ.

މިއަހަރަކީ، ހައްޖުގެ މަތިވެރި އަޅުކަމަށް ބޭރު ގައުމުތަކުގެ މީހުންނަށް ފުރުސަތު ނުދޭން ސައުދީ އަރަބިއްޔާއިން ނިންމި ދެވަނަ އަހަރެވެ.

އެހެން ނަމަވެސް، ހައްޖުގެ އަޅުކަމަށް ފުރުސަތު ދެވުނު މީހުން ދުނިޔޭގެ 150 ގައުމަކަށް ނިސްބަތްވާ ކަމަށް ސައުދީ މިނިސްޓްރީ އޮފް ހައްޖުން ބުނެފައިވެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސައުދީން އެންމެބޮޑު އިސްކަމެއް ދީފައިވަނީ، ހައްޖަށް އަންނަ މީހުންގެ މެދުގައި ކޮވިޑްބަލި ފެތުރުމުގެ ފުރުސަތު ނުދިނުމުގެ މައްޗަށެވެ.

އެހެންވެ، ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވަނީ، ބައްޔެއްގައި ނޫޅޭ އަދި ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ.

އަދި ބަލިން ރައްކާތެރިވުމަށް ހައްޖަށް އަންނަ މީހުން އަމަލުކުރަންޖެހޭ ވަރަށް ހަރުކަށި އުސޫލުތަކެއް މައްކާއާއި މަދީނާގައިވަނީ އަޅާފައެވެ.

ޕަބްލިކް ހެލްތު ޓީމުތަކުން ގެންދަނީ، ހައްޖުވެރިންގެ ސިއްހީ ހާލަތު މެދުނުކެނޑި މޮނިޓަރ ކުރަމުންނެވެ.

އެއްވެސް ހައްޖުވެރިއެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އައިސޮލޭޝަނަށް ގެންދެވޭނެ ކަމަށް ސައުދީ ހެލްތު މިނިސްޓްރީގެ ހައްޖު އެންޑް އުމްރާ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ސާރީ އަސީރީ ވިދާޅުވިއެވެ.