ބައެއް ގެސްޓްހައުސްތަކުން ގައިޑްލައިންތަކާ ޚިލާފުވާތީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގޭމް އިން މިފަދައިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ގެސްޓްހައުސްތަކުގައި ތިބުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި އޮޅުވާލައިގެން ސައުތު އޭޝިއާގެ ފަތުރުވެރިންނަށް ޚިދުމަތް ދެމުންދިޔަ 3 ގެސްޓްހައުސްއެއްގެ ހުއްދަ ހިފަހެއްޓުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޓުއަރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ އިންސްޕެކްޝަންގައި އިތުރު 3 ގެސްޓްހައުސްއަކަށް ވަނީ އިންޒާރުވެސް ދީފައެވެ.

ގޭމްއިން ބުނީ ސައުތު އޭޝިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެނައުމުގައި އަމަލުކުރުމަށް އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލާއި ހިލާފުވެ ބައެއް ގެސްޓްހައުސްތަކުން ހިންގި އަމަލު ކުށްވެރިކުރާ ކަމަށެވެ.

މިނިސްޓްރީން އެޅި ފިޔަވަޅުތަކަށް ގޭމް އިން ވަނީ މަރުހަބާވެސް ކިޔާފައެވެ.

ގޭމް އިން ބުނީ މި ދަނޑިވަޅުގައި ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެނައުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކޮއްގެން ނޫނީ ކޮވިޑް-19ގެ ހާލަތުން އަރައި ނުގަނެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށެވެ.

ކުރިއަށްއޮތްތަނުގައިވެސް ފަތުރުވެރިން ބޭތިއްބުމުގެ ހުއްދަ ނެތް ތަންތަނަށް ފަތުރުވެރިން ނުގެންދިއުމަށް ގޭމްއިން ވަނީ ނަސޭހަތްތެރި ވެފައެވެ. އަދި ގެސްޓްހައުސްތަކުން އެޗްޕީއޭއާ ޓުއަރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކަށް އަމަލުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ސައުތު އޭޝިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެންދިއުމަކީ މިވަގުތަށް މަނާކަމެކެވެ.

އެހެންނަމަވެސް މިކަމަށް ޚާއްސަ ގައިޑްލައިނެއް ހަދައި، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސައުތު އޭޝިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.