ސައުތް އޭޝިއާ ސަރަހައްދުގައި ބޭއްވޭ އެންމެ ޝަރަފުވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް މިއަހަރު ބަންގްލަދޭޝް ގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ ސަބަބުން އެ ގައުމަށް މުބާރާތް ހޯސްޓު ކުރެވިދާނެ ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ތަކަކީ މުބާރާތަށް ސްޕޮންސަރުން ހަމަ ނުޖެހުމާއި ކޮވިޑް-19ގެ ކޭސްތައް އިންތިހާ އަށް އިތުރުވަމުންދާތީ ހުރި ގޮންޖެހުން ތަކެކެވެ.

މީޑިއާ ތަކާއި ވާހަކަދައްކަމުން ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އާއި ސާފްގެ ރައީސް ކާޒީ ސަލާހުއްދީން ވިދާޅުވީ މި ވަގުތު ހާލަތު އޮތްގޮތުން އެއްވެސް މީހަކަށް ވަކި ކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން ދެެވެން ނެތް ކަމަށެވެ. އަދި ކޮވިޑުގެ ސަަބަބުން ލޮކްޑައުން ކުރުމާއި އެހެނިހެން ކުއްލި ފިޔަވަޅުތައް އަންނާތީ ސާފް ބޭއްވުމުގެ އެކި އެކި ކަންކަން ހުރީ ރަނގަޅަށް ހަމަނުޖެހިކަން ސަލާހުއްދީން ފާހަގަ ކުރެއްވިއެވެ.

ބީއެފްއެފް އާއި ސާފްގެ ރައީސް ކާޒީ ސަލާހުއްދީން

ސަލާހުއްދީން ވިދާޅުވީ ސެޕްޓެމްބަރު މަހު މުބާރާތް ކުޅޭނަމަ ބޫޓާނަށް މުބާރާތުގައި ބައިވެރިވެވެން ނެތް ކަމަށާއި އެއީ އެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ބޫޓާންގެ ސަރުކާރާއި ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާކޮށް މިކަމަށް ލުޔެއް އޮތްތޯ ބައްލަވަމުން ގެންދަވާކަމަށް ސަލާހުއްދީން ވިދާޅުވިއެވެ.

މީގެއިތުރުން މީގެކުރިން މުބާރާތަށް ސްޕޮންސާޝިޕް ދޭނެކަމަށް ބުނި ފަރާތްތަކުން މިހާރު އެކަމަށް އުޒުރުވެރިވާ ކަމަށާއި، ހާލަތު ބަދަލުވަންދެން އެފަރާތްތަކުގެ ޖަވާބަކަށް އިންތިޒާރު ކުރައްވަމުން ގެންދަވާކަމަށްވެސް ސަލާހުއްދީން ވިދާޅުވިއެވެ.

ސަލާހުއްދީން އިތުރަށް ވިދާޅުވީ ބަންގްލަދޭޝްގެ ދެ ސިޓީ ކަމުގައިވާ ޑާކާ ނޫނީ ސިލްހެޓްގައި މުބާރާތް ބާއްވަން މަސައްކަތް ކުރިނަމަވެސް މިއަހަރުގެ ތެެރޭގައި އެގައުމަށް މުބާރާތް ހޯސްޓު ކުރެވޭނީ ކުރިއަށް އޮތް ދެމަސް ތެރޭގައި މި މުބާރާތް ބާއްވައިގެން ކަމަށެވެ. އެހެންކަމުން މި މަސް ނިމުމުގެ ކުރިން އެގައުމުގައި މުބާރާތް ބޭއްވުމާއި މެދު ގޮތެއް ނިންމަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ސެޕްޓެމްބަރުގައި މުބާރާތް ބާއްވައިފިނަމަ ބޫޓާނަށް މުބާރާތުގައި ބައިވެރި ނުވެވޭއިރު ކުރިއަށް އޮތް މުބާރާތުގައި ބައިވެރި ނުވެވޭނެކަން ކަށަވަރު ވެފައިވާ ޓީމަކީ ޕާކިސްތާނެވެ. އެއީ އެގައުމު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށް ވާތީއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބާއްވަން ފުރުސަތު ދިނީ ޕާކިސްތާނަށެވެ. އެހެންނަމަވެސް ފަހުން ބަންގްލަދޭޝަށް ބަދަލުކުރިއިރު މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި މުބާރާތް ވަނީ މިއަހަރަށް ފަސްކޮށްފައެވެ. އަދި މިހާރު މިއޮތް ހާލަތަށް ރިއާޔަތް ކުރާނަމަ މިއަހަރުގެ މުބާރާތް ބަންގްލަދޭޝްގައި ނުބޭއްވުމުގެ ފުރުސަތު ބޮޑެވެ.

އެހެން އެކަން ވެއްޖެނަމަ ދެން މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ނޭޕާލް އެވެ. ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ އެ ގައުމުގައި ސާފް ބޭއްވުމަށް ސަރުކާރުގެ ސަޕޯޓް ފުރިހަމަ އަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޯލީ ވަނީ ނޭޕާލުގެ ސްޕޯޓްސް ކައުންސިލާއި ފުޓްބޯޅަ ފެޑެރޭޝަން (އަންފާ) ކިބައިން ސާފް ބޭއްވޭތޯ ކުރަން ޖެހޭ މަސައްކަތްތައް އެ ވުޒާރާތަކުން ކުރަން އަންގާފައެވެ.

އަންފާގެ ރައީސް ކަރްމާ ޝެރިން ވިދާޅުވީ މާލީ ގޮތުން ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު އޯލީ ދެއްވާފައިވާ ކަމަަށާއި މުބާރާތް ބޭއްވިއްޖެނަމަ މިއީ ނޭޕާލް ފުޓްބޯޅަ އަށް ރަނގަޅު ކަންްތައްތަކެއް ހާސިލްކުރެވޭނެ ފަހަރެއް ކަމަށެވެ.

ނޭޕާލުގައި މުބާރާތް ހޯސްޓްކުރާނަމަ ބޫޓާނަށް ވެސް މި ފަހަރުގެ މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެއީ ނޭޕާލަށް ދަތުރުކުރަން ބޫޓާން ސަރުކާރުން ހުއްދަދޭނެ ކަމަށް ބެލެވޭތީ އެވެ.

ނޭޕާލުގައި އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2013 ވަނަ އަހަރު އެވެ. ނޭޕާލުން ވަނީ އޭގެ ފަހުން އެ ގައުމުގެ ރަސްމީ ދަނޑު ކަމަށްވާ ދަސްތަރު ސްޓޭޑިއަމް ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްފަ އެވެ. އަދި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ވެސް އެ ތަނުގައި ކުރިއަށް ގެންދިޔަ އެވެ.

ސާފް އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވީ ބަންގްލަދޭޝްގައި ބޭއްވިއިރު، އިންޑިއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރާއްޖޭންނެވެ. މިއީ ރާއްޖެއިން މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރުގައެވެ. އެއީ ރާއްޖެ އާއި ސްރީ ލަންކާގައި ބޭއްވުނު މުބާރާތެވެ. އެ މުބާރާތްވެސް ރާއްޖެއިން ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.