އަޟްހާ އީދު ދުވަހު ފްލައިމީން ދަތުރުކުރާ ފަސިންޖަރުންނަށް ޚާއްސަ ހަދިޔާއެއް ދޭނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ފްލައިމީން ބުނީ އީދު ދުވަހު އެ އެއާލައިންގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެހެންނަމަވެސް އެހެން ދުވަސްތަކާ ޚިލާފަށް އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ޚާއްސަ ހަދިޔާއެއް ލިބޭނެ ކަމަށް ފްލައިމީން ވަނީ ބުނެފައެވެ.

ފްލައިމީން ބުނީ މީގެކުރިން އެ އެއާލައިނުން އީދު ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައިވަނީ 2019 ވަނަ އަހަރު ކަމަށެވެ.

އެފަހަރު އެ އެއާލައިންގެ ކެބިން ކްރޫއިން ދިވެހި ހެދުން ލުމާއި، ޚާއްސަ ހަދިޔާއެއް ވެސް ދީފައިވާނެ ކަމަށް ފްލައިމީން ބުނެފައިވެއެވެ.

މީގެ އިތުރު ފްލައިމީއަށް މިއަހަރު 10 އަހަރު ފުރޭކަން ފާހަގަކޮށް އެ އެއާލައިނުން ވަނީ ކުރިއަށް އޮތް ތަނުގައި އަންނަ މިފަދަ ޚާއްސަ ދުވަސްތައް ކުލަގަދަގޮތެއްގައި ފާހަގަކުރާނެ ކަމަށް ބުނެފައެވެ.

2011 ވަނަ އަހަރު އޮޕަރޭޓްކުރަންފެށި ފްލައިމީގައި އޭޓިއާރް މަރުކާގެ 4 މަތިންދާ ބޯޓު މިވަގުތު އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ، 72 ގޮނޑީގެ އޭޓީއާރް 600-72 ބޯޓާއި، 68 ގޮނޑީގެ އޭޓީއާރް 500-72 ދެ ބޯޓާއި، 48 ގޮނޑީގެ އޭޓީއާރް 500-42 ބޯޓެވެ.

އެތެރޭގެ އުދުހުންތަކުގެ އިތުރުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ފްލައިމީގެ ބައިނަލްއަގްވާމީ ދަތުރުތައްވެސް ވަނީ ފަށާފައެވެ.