ގައިޑްލައިންތަކާ ޚިލާފުވި އިތުރު ގެސްޓްހައުސްއެއް ޓުއަރިޒަމް މިނިސްޓްރީން ސަސްޕެންޑުކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީން މިހާރު ކުރިއަށްގެންދާ އިންސްޕެކްޝަންގައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އިންސްޕެކްޝަންގެ ތެރެއިން އިތުރު ގެސްޓްހައުސްއެއް ސަސްޕެންޑުކޮށްފައިވަނީ ސައުުތު އޭޝިއާގެ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށް މިނިސްޓްރީން އަންގާފައިވާ މި ދަނޑިވަޅުގައި މިނިސްޓްރީގެ އެންގުމާ ޚިލާފުވުމުން ކަމަށެވެ.

މި އިންސްޕެކްޝަންގައި އިއްޔެވެސް ވަނީ ސައުތު އޭޝިއާގެ ފަތުރުވެރިން ޗެކްއިން ކުރި 3 ގެސްޓްހައުސްއެއް ސަސްޕެންޑްކޮށްފައެވެ. އަދި 3 ގެސްޓްހައުސްއަކަށް އިންޒާރުދީފައިވެއެވެ.

ސައުތު އޭޝިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެންދިއުމަކީ މިވަގުތަށް މަނާކަމެކެވެ.

އެހެންނަމަވެސް މިކަމަށް ޚާއްސަ ގައިޑްލައިނެއް ހަދައި، މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ސައުތު އޭޝިއާގެ ފަތުރުވެރިން ގެސްޓްހައުސްތަކަށް ގެންދިއުމުގެ ހުއްދަ ދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން މިފަދައިން އަންގާފައިވާ ވަގުތެއްގައި ބައެއް ގެސްޓްހައުސްތަކުން މި އެންގުމާ ޚިލާފުވަމުންދާތީ ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގޭމްއިން ވަނީ މިކަމުގައި ޓުއަރިޒަމް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައެވެ. އަދި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ގޭމް އިން ވަނީ ގެސްޓްހައުސްތަކަށް ގޮވާލާފައެވެ.