އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގެ މެޗުތައް ހޯސްޓު ކުރުމުގެ ފުރުސަތު އަނެއްކާވެސް ރާއްޖެ އަށް ލިބިއްޖެއެވެ.

މިއީ ފާއިތުވީ ދެ އަހަރެއްހާ ދުވަސް ތެރޭގައި ސެންޓްރަލައިޒްކޮށް މެޗުތައް ކުޅެން ބިޑަށް ހުޅުވާލުމުން ރާއްޖެ އިން ބިޑު ކާމިޔާބުކުރި 3 ވަނަ ފަހަރެވެ.

އެގޮތުން 2020 ވަނަ އަހަރުގެ މުބާރާތް ހޯސްޓު ކުރުމުގެ ބިޑު ރާއްޖެއިން ކާމިޔާބު ކުރިނަމަވެސް ފަހުވަގުތު އޭއެފްސީން ވަނީ މުބާރާތުގެ ހުރިހާ ގްރޫޕް ތަކެއްގެ މެޗުތައް ބޭއްވޭނެ ގޮތެއް ނުފެނުމުން މުބާރާތް ކެންސަލް ކޮށްފައެވެ.

އަދިި މިއަހަރު އެންމެ ފުރަތަމަ ރާއްޖޭގެ ޓީމުތައް ކުޅޭނެ ގްރޫޕް ކަމަށްވާ (ގްރޫޕް ޑީ) ގެ މެޗުތައް ހޯސްޓު ކުރުމަށް ބިޑު ކާމިޔާބު ކުރިއިރު މުބާރާތުގެ ޕްލޭ އޮފްގައި ރާއްޖޭގެ އީގަލްސް އާއި ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރް އެފްސީން ޕްރޮޓޮކޯލާއި ހިލާފުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މެޗުތައް ކުރިއަށް ނުގެންދެވޭކަން އޭއެފްސީ އަށް އަންގާފައެވެ. އަދި މިއާއެކު އޭއެފްސީން ވަނީ މެޗުތައް ފަސްކޮށްފައިވާއިރު އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ރާއްޖޭގެ މައްސަލައެއް ބަލަން ފަށާފައެވެ.

އޭއެފްސީން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖޫންމަހުގެ ފަހުކޮޅާއި މި މަހު ކުރީކޮޅުގައި މި ގުރޫޕުގެ މެޗުތައް ކުޅޭށެެވެ. އެހެންނަމަވެސް އަލުން އޭއެފްސީން އޮގަސްޓު މަހަށް މެޗުތައް ފަސްކޮށް، މެޗުތައް ހޯސްޓު ކުރުމަށް ބިޑަށް ހުޅުވާލީ ކުރިން ބިޑަށް ހުޅުވާލި މުއްދަތުގައި މެޗުތައް ހޯސްޓްކުރާނެ ބަޔަކު ނުވުމުންނެވެ.

ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލިއިރު މި މަހު ފަސް ވަނަ ދުވަހު މުއްދަތު ހަމަވުމުގެ ކުރިން މެޗުތައް ހޯސްޓު ކުރުމަށް ބިޑުގައި ބައިވެރިވީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. އޭއެފްސީން ރާއްޖެ އަށް އަނެއްކާވެސް މެޗުތައް ހޯސްޓު ކުރުމުގެ ފުރުސަތު ދިނީ ދެ ގައުމުގެ ބިޑް ދިރާސާ ކުރުމަށް ފަހުއެވެ.

މީގެކުރިން ރާއްޖެއިން މުބާރާތުގެ މެޗުތައް ހޯސްޓު ކުރުމަށް ބިޑު ނުކުރާނެކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވި ނަމަވެސް ފަހުން ބިޑުގައި ބައިވެރިވީ ދިވެހި ފުޓުބޯޅައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ކަމަށެވެ.

އެގޮތުން ބައްސާމް ވިދާޅުވީ އޭއެފްސީ ކަޕްގެ މެޗުތައް ކެންސަލްވެއްޖެނަމަ އެއީ ހަމައެކަނި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އަށް ލިބޭ ގެއްލުމެއް ނޫން ކަމަށާއި އެކަމުން ދިވެހި ފުޓުބޯޅަ އަށްވެސް ގެއްލުމެއް ވެދާނެކަމަށެވެ. އަދި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް އަލުން ހޯސްޓު ކުރުމަށް ބިޑު ކުރަން ނިންމީ ދިވެހި ފުޓުބޯޅަ އަށް ގެއްލުމެއް ވާން ނޭދޭތީ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރެ އެވެ. މާޒިޔާ އޮތީ ގްރޫޕް ސްޓޭޖުގަ އެވެ. އީގަލްސް ކުޅެނީ ކޮލިފައިން ބުރުގަ އެވެ. ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ކުޅުމަށް އޭއެފްސީން ނިންމާފައިވާއިރު މިހާރު ތާވަލު އޮތްގޮތުން ޕްލޭ އޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗު ކުޅޭނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ ފަހު ޖާގަ ލިބޭނެއެވެ.

ގޮންޖެހުން ތަކަކާއި އެކުވެސް މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް އޭއެފްސީން އަމާޒު ހިފާފައިވާއިރު މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ކުޅޭނީ ތިން މެޗް ޑޭ އަކަށް ބަހާލައިގެން އޮގަސްޓު މަހުގެ 16، 21، 24، މި ތިން ދުވަހުއެވެ. އަދި މި މެޗުތައް ނިމޭއިރު ގްރޫޕުގެ އެއްވަނައިގައި އޮންނަ ޓީމެއް މުބާރާތުގެ ސިންގަލް ލެގް އިންޓަރ ޒޯން ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.