ހަނިމާދޫ އެއާޕޯޓުގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ހަނިމާދޫ އެއަރޕޯޓުގެ ބިމާބެހޭގޮތުން، ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ އެއަރޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި ބޭރުގެ ގައުމެއްގެ ސިފައިން ވެސް ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަ ކަމެއް ކުރާނެކަމަށް ޤަބޫނުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަރނޭޝަނަލް އެއަރޕޯޓެއް އޮތުމުގެ މުހިންމުކަމާއި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މި ބައްދަލުވުމުގައި ހަނިމާދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވާއިރު، އެފަރާތްތަކުން ވަނީ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އެމްއެންޑީއެފަށް ބިން ޚާއްސަކުރަން ހުށަހަޅާފައިވާ ސަރަހައްދާއި އެއަރޕޯޓް ރަންވޭ އެކްސްޕޭންޝަނަށް ޚާއްސަކުރާ ބިމާމެދުކަމަށެވެ. މި ބިންތަކަށް ބަދަލު ގެންނަން ބޭނުންވާ ގޮތް ވެސް އެފަރާތްތަކުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކުން ހުށަހެޅިގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން އެމްއެންޑީއެފަށް ޚާއްސަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ޚާއްސަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޢާންމު ފަރާތްތަކުން ވަނީ ހަނިމާދޫއާ ބޮޑުތިލަދުންމަތީގެ އެހެން ބައެއް މަޝްރޫޢުތަކާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު އިއްޔެ ހަވީރު ވަނީ ނިންމަވާލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކުޅުދުއްފުށި ސިޓީއަށާއި، ހދ. ކުމުންދޫ އަދި ހދ. ހަނިމާދޫއަށް ވަޑައިގެންފައެވެ.