ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮންޓްރޯލް މިހާރު އެމްޑީޕީގައި ނެތް ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ މައިގަނޑު އަސާސްތައް ދިފާއުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް ރައީސް މުހަައްމަދު ނަޝީދު ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ޕާޓީގެ އަންހެނުންގެ ރޫޙުން ތާއީދުކުރާކަމަށް ބުނެ އެޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން ނެރުނު ބަޔާނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މޫސަ ވިދާޅުވީ ސަރުކާރު ހިންގަންހުރީ އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނާ ޕާޓީގެ އިސް ލީޑަރު ކަމަށްވާއިރު، ޕާޓީގެ ރައީސް އެދިލައްވައިގެން ރައީސުލްޖުމްހޫރިއްޔާ ބަދުނާމުކުރަން ޤަރާރުނެރުމަކީ އަސާސީ ޤަވާއިދު ދަންނަ ކަމެއްނޫން ކަމަށެވެ.

ރައީސް ނަޝީދުގެ ބާރު އެމްޑީޕީގައި އޮތް މިންވަރު ދައްކަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިހާރު އެ ބާރެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހާ ޒުވާނުންގެ ނަމުގައި ބަޔާންތަށް ނެރެ އާއްމުކުރުމުން ޕާޓީ ރޫޅިފައި ވާވަރު ދޭހަވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. އެފަދަ ބަޔާންތަށް ޤައުމީ މަޖިލީހަށް ހުށަޅާ ޕާޓީން އެކައްޗެއްކިޔަންވީ ނޫންތޯ މޫސަ ވަނީ ސުވާލުކުރައްވާފައެވެ.

އޭރުން ދެކޮޅުހަދާ މިހާ ފިޔަވަޅު އަޅާ ކޮމިޓީއަށް ގެންދާނެތޯވެސް ވަނީ ސުވާލުކުރައްވާފައެވެ.

މި ބަޔާނުގައި ވަނީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އަސާސްތަކަކީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަން ޤާއިމުކޮށް، ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުމަށް ކަމަށެވެ.

އެހެންނަމަވެސް، ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މިޕާޓީގެ އަންހެނުންގެ ރޫޙުން ދެކެމެވެ.