މިހިނގާ ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ތާވަލު ކުރެވިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ފުރައިފިއެވެ.

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ކޮންޓިންޖެންޓް- ފޮޓޯ:- ފަޔާޒް / ސަން އެމްވީ

ހޯމަ ދުވަހުގެ ހެނދުނު ރާއްޖޭގެ ކޮންޓިންޖެންޓް ފުރިއިރު ރާއްޖެ ތަމްސީލު ކުރުމަށް 4 އެތްލީޓަކު އޮލިމްޕިކްސްގައި ވާދަކުރާނެއެވެ. އެގޮތުން އެތުލެޓިކްސް އިން ރާއްޖެ ތަމްސީލްކުރާނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ވެސް ވާދަކުރި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

ސާއިދުއަށް މި ފުރުސަތު ލިބުނީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތްލީޓަކު ހޮވުމަށް ބޭއްވި ޓައިމް ޓްރަޔަލްތަކަށްފަހުއެވެ. އެންމެ ފުރަތަމަ އަންހެން ތިން އެތުލީޓުންނާއި ފިރިހެން ތިން އެތުލީޓުންނާ އެކު ޓައިމް ޓްރަޔަލް ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަން އިން ނިންމި ނަމަވެސް ޓްރަޔަލްތަކުގައި ބައިވެރިވީ ސާއިދުގެ އިތުރުން އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އެވެ.

ސްވިމިންގް އިން ރާއްޖެ ތަމްސީލު ކުރާނީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމް އެވެ. ޓޯކިޔޯ އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓްގަ އެވެ. އަދި ސާޖިނާ ވާދަކުރަން ޖެހެނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގަ އެވެ. މިއީ ފީނާ އިން ކަނޑައެޅި އިވެންޓްތަކެކެވެ.

ރާއްޖޭ އިން ބެޑްމިންޓަން އިވެންޓުގައި ބައިވެރިވާނީ ފާތިމަތު ނަބާހާ އެވެ. އަކީ ތާރީހުގައި ވެސް ރާއްޖެއިން އޮލިމްޕިކްސްގައި ބެޑްމިންގްޓަނުން ވާދަކުރާ ދެވަނަ ކުޅުންތެރިއާއަށް ވާނެއެވެ. އަދި އޭނާ އަކީ ރާއްޖެއިން ބެޑްމިންޓަން އިވެންޓުން އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. މީގެކުރިން އޮލިމްޕިކްސްގައި ބެޑްމިންޓަނުން ރާއްޖެ ތަމްސީލު ކޮށްފައިވަނީ 2012 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ކުރިއަށްދިޔަ ލަންޑަން އޮލިމްޕިކްސްގައި މުހައްމަދު އަޖުފާން އެވެ.

އަހްމަދު ޝިހާމް (ޕުޗު)- ފޮޓޯ:- ފޭސްބުކް

އޮފިޝަލުންގެ ގޮތުގައި މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ. އޮލިމްޕިކްސްގައި އޮފިޝަލެއްގެ ގޮތުގައި ޕައްޗުއަށް ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައިވާއިރު އޭނާ އަކީ ތާރީހުގައިވެސް އޮލިމްޕިކްސްގައި ބެޑްމިންޓަން އިވެންޓުގައި އޮފިޝިއޭޓް ކުރާނެ ދެވަނަ ދިވެއްސަށް ވާނެއެވެ.

މީގެކުރިން މި ޝަރަފު ހޯދާފައިވަނީ 2016 ވަނަ އަހަރުގެ ރިއޯ އޮލިމްޕިކްސް ގައި އަލީ އަބްދުލް ކަރީމް (ޒޯލާ) އެވެ. ޕުޗޫ އަށް މި ފުރުސަތު ދިނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. އޭނާ އަށް މި ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުންނެވެ.

މުންތަގިމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު: ފޮޓޯ:- ރައީސް އޮފީސް

މި ހަފްތާގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ހަމަޖައްސާފައިވަނީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް (މުންތޭ) އެވެ. މުންތަގިމް ވެސް މިއަދު ކޮންޓިންޖެންޓާ އެކު ޖަޕާނަށް ދިއުމަށް ފުރިއިރު، އޮލިމްޕިކްސްގެ ތެރޭގައި އެނާގެ ޒިންމާއަކަށް ވާނީ ގޭމްސްގެ އިވެންޓްތަކަށް ދިވެހި އެތުލީޓުންގެ ތައްޔާރީތަކާއި އިންތިޒާމުތައް ކުރިއަށްދާ ގޮތް ބެލުމާއި ގޭމްސްގެ ތެރޭގައި އެތުލީޓުންގެ ޕާފޯމަންސާ ގުޅޭ ކަންކަމާއި ލޮޖިސްޓިކްސްގެ ކަންކަން ހަމަޖެއްސުމެވެ.

މުންތަގިމް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން ޖަޕާނުގެ ޖިފޫގައި ބޭއްވި ޖޫނިއާ އެތުލެޓިކްސް މުބާރާތުގައި ސްޓާޓް ރެފްރީކަންކޮށް މުންތަގިމް ވެފައިވަނީ އޭޝިއާގެ މުބާރާތެއްގައި އެފަދަ ޒިންމާއެއް ނެގި ފުރަތަމަ ދިވެއްސަށެވެ. އަދި ނޭޕާލުގައި 2019 ވަނަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގެ އިންޓަނޭޝަނަލް ޓެކްނިކަލް އޮފިޝަލް (އައިޓީއޯ) އަކަށް މުންތަގިމް މަސައްކަތް ކުރިއިރު، އޭނާ އަކީ ގޭމްސް އެއްގެ އެތުލެޓިކްސްގެ އެ ފަދަ ޒިންމާއެއް އަދާކުރި ފުރަތަމަ ދިވެއްސެވެ.