ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި އެންމެ ނުފޫޒުގަދަ އެއް ކުޅިވަރު އެތްލީޓު ލިއޮނެލް މެސީ އަނެއްކާވެސް ރެކޯޑެއް ހަދައިފިއެވެ.

މިފަހަރު މެސީ ހަދާފައިވަނީ ކުޅިވަރު އެތްލީޓުންގެ ތެރެއިން އިންސްޓަގްރާމުގައި ޕޯސްޓަކަށް އެންމެ ގިނަ ލައިކު ހޯދައިފާ އެތްލީޓުގެ ރެކޯޑެވެ.

އެއީ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލް ބަލިކުރުމަށްފަހު އާޖެންޓީނާ އިން ކާމިޔާބުކޮށް، މުބާރާތުގެ ޓްރޮފީ އާއިއެކު މެސީ އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓަކަށެވެ. މި ޕޯސްޓަށް އިންސްޓަގްރާމުގައި ވަނީ 20 މިލިއަން 7 ލައްކަ، 18 ހާސް 900 ލައިކު ލިބިފައެވެ.

https://www.instagram.com/p/CRLJN-or7DE/?utm_source=ig_embed&ig_rid=b8d993ab-09ee-4a09-9c57-e5445b4102c0

މި ރެކޯޑު ކުރިން އޮތީ މެސީ އާއި އެންމެ ވާދަވެރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. ރޮނާލްޑޯ މީގެކުރިން މި ރެކޯޑު ހަދާފައިވަނީ އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ މަރާއި ގުޅިގެން އޭނާއަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ކުރި ޕޯސްޓަކަށް 19.8 މިލިއަން ލައިކު ހޯދައިގެންނެވެ.

އަބަދުވެސް ރޮނާލްޑޯ އާއި މެސީ އާއި ދެމެދު ފުޓުބޯޅައިގެ ވާދަވެރިކަން ބޮޑުއިރު މިހާރު މިވަނީ މީސްމީޑިއާ އަށްވެސް މި ވާދަވެރިކަން އިތުރުވެފައެވެ. މެސީގެ އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދަކީ 233 މިލިއަނެވެ. ރޮނާލްޑޯ އަށް އިންސްޓަގްރާމުގައި 315 މިލިއަން އެކައުންޓުން ފޮލޯ ކޮށްފައިވެއެވެ.

ތާރީހީ ކާމިޔާބީއެއްގެ ފޮޓޯ މެސީ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާއިރު މިފަހަރު އާޖެންޓީނާ އިން ކާމިޔާބު ކުރި ކޮޕާ އެމެރިކާ އަކީ މެސީގެ ކެރިއަރުގައި އޭނާއަށް އެންމެ މުހިންމުވާނެ ކާމިޔާބީއެވެ. އެއީ މިއީ ގައުމީ ޓީމާއެކު ބޮޑު މުބާރާތެއްގައި އޭނާ ހޯދި ފުރަތަމަ ކާމިޔާބީއަށް ވާތީއެވެ.

28 އަހަރަށްފަހު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު މިފަހަރުގެ މުބާރާތުގައި މެސީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޖޮއިންޓް ޓޮޕް ސްކޯރަރުގެ މަގާމުވެސް ހޯދާފައެވެ. އަދި މުބާރާތުގައި އޭނާ ވަނީ 5 އެސިސްޓުވެސް ކޮށްފައެވެ.

މެސީގެ ރެކޯޑުތަކަށް އިތުރު ބޮޅެއް އަނެއްކާވެސް އޭނާ އިތުރުކުރިއިރު މިވަގުތު މެސީ އަކީ ފްރީ އެޖެންޓެކެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން މެސީ ވަނީ ބާސާ އާއިއެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައެވެ. ބާސާ އާއިއެކު މެސީ އެއްބަސްވުމަކަށް އައީ މުސާރައިން 50 އިންސައްތަ ކުޑަކުރާ ގޮތަށް އެއްބަސްވުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.