އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހު ގޮފިން ބުނެފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހު ގޮފިން މިފަދައިން ބުނީ ސަރުކާރަށް ފާޑު ވިދާޅުވެ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވި ބަޔާނަށް ތާއީދުކުރައްވައި ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި އަންހެނުންގެ ރޫހު ގޮފިން ވަނީ އެމްޑީޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށްވެފައި، ޕާޓީ އުފެދުނީއްސުރެވެސް އެ ޕާޓީން އަބަދުވެސް ވަކާލާތުކުރާ އަސާސްތަކެއް ވާ ކަމަށް ބުނެފައެވެ.

އެއީ އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަން ޤާއިމުކޮށް، ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުމަށް އެކުލަވާލާފައިވާ އަސާސްތަކެއް ކަމަށާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށް ވަނީ ބުނެފައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް މަރާލާއި، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި ‘ލޭބަލް’ ތަކެއް އަޅުވައި، އެމީހުންނާއިމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށް ބަޔާނުގައި ވެއެވެ.

މިގޮތަށް މިކަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން ގަބޫލުކުރާ ކަމަށް އެޕާޓީގެ އަންހެނުންގެ ރޫހުން ވަނީ ބުނެފައެވެ.

އެމްޑީޕީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ގާއިމްކުރަން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، އެޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫން ކަމަށް އަންހެނުންގެ ރޫހު ގޮފިން ބުނެފައެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރިވުރިކަން އުފައްދައި، ޤައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށާއި، ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެޕާޓީގެ އަސާސްތަކާ ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އެމްޑީޕީގެ އަންހެނުންގެ ގޮފިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފިން މިފަދައިން ބުނެ ބަޔާން ނެރުމުން އެމްޑިޕީއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. ވަކިން ޚާއްސަކޮށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް ވަނީ އެމްޑީޕީގެ ބާރު ދައްކަން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް މިހާރު އެބާރު ނެތް ކަމަށް ބުނެފައެވެ.

މޫސަ ވިދާޅުވީ ސަރުކާރު ހިންގަންހުރީ އެމްޑީޕީގެ އަސާސީ ގަވައިދުގައި ބުނާ ޕާޓީގެ އިސް ލީޑަރު ކަމަށްވާއިރު، ޕާޓީގެ ރައީސް އެދިލައްވައިގެން ރައީސުލްޖުމްހޫރިއްޔާ ބަދުނާމުކުރަން ޤަރާރުނެރުމަކީ އަސާސީ ޤަވާއިދު ދަންނަ ކަމެއްނޫން ކަމަށެވެ.