މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަން ނިންމައިފިއެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން މި ބިލަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދަން އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދުއެވެ.

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޗެއާޕާސަންއަށް ނިސްބަތްކުރައްވައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސް ނަޝީދު ވަނީ ނަފުރަތުގެ ބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމާއި ގުޅޭގޮތުން ގައުމީ މަޖިލީހުގެ ބަހެއް ހޯދައި ދެއްވުމަށް ޕާޓީގެ ޗެއާޕާސަންގެ އަރިހުގައި އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މި އެދިވަޑައިގަތުމުގެ މަތިން އެކަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބަހެއް ހޯދުމަށް ޚާއްސަ ބައްދަލުވުމެއް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނަފްރަތު މަނާކުރާ ބިލުގެ އިސްލާހު މަޖިލީހަށް ހުށަހެޅުމުން ހިސާން އަށް ވަނީ ވަރަށް ގިނަ އާންމުންގެއާއި، ދީނީ އިލްމުވެރިންގެ ފާޑުކިޔުން އަމާޒުވެފައެވެ.

ހިސާންގެ މި އިސްލާހުގައި ވަނީ އާންމު ތަނެއްގައި ވަކިމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ.

އެގޮތުން ދީނަށް ފުރައްސާކުރާ މައްސަލަތަކުގައި އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށާއި ނަމަވެސް ދީނީ އިލްމުވެރިޔަކު އޭނާއަށް ފެންނަ ރަޔުއެއް ބުނުމުން ބިރުދައްކައި ކަންކަން ކުރަމުންދާ ކަމަށް ދީނީ އިލްމުވެރިން ގެންދަނީ ބުނަމުންނެވެ.

ދީނީ އިލްމުވެރިން މި އިސްލާހާ ދެކޮޅު ނަމަވެސް އެމްޑީޕީން ގެންދަނީ މި އިސްލާހާ އެއްގޮތަށް ބިލް ފާސްކުރުމަށް ގޮވާލަމުންނެވެ. މި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ތާއީދުކަން ހާމަކުރައްވާފައިވަނިކޮށް، އެމްޑީޕީގެ އަންހެނުންގެ ރޫހު ގޮފިން ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ނަފްރަތުގެ ބިލް ވުޖޫދަށް އައިސްގެން ކަމަށް ބުނެފައެވެ.