އިސްރާއީލުގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ބައިތާރް ޖޭރޫސަލަމްއާއި ދެކޮޅަށް ސްޕެނިޝް ފުޓުބޯޅައިގެ ގަދަބާރު ބާސެލޯނާ އިން މެޗު ނުކުޅެން ނިންމި ނިންމުމަށް، ފަލަސްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ތައުރީފު ކޮށްފިއެވެ.

ޕްރީ ސީޒަނުގެ ތެރޭގައި ކުޅުމަށް އިސްރާއިލް ކުލަބުން މަސައްކަތް ކުރި އެކުވެރި ކަމުގެ މި މެޗު ބާސާއިން ނުކުޅުމަށް ނިންމީ އެކުލަބުން އެދުނު ގޮތަށް ބައިތާރް ޖެރޫސަލަމް އިން މެޗު ކުޅޭ ރަށް ބަދަލު ނުކުރުމާއި ގުޅިގެންނެވެ. ބައިތާރް އިން މަސައްކަތް ކުރީ މި މެޗު ފަލަސްޠީނުގެ ގުދުސްގައި ކުޅުމަށެވެ.

ބާސާ އިން އެދުނު ގޮތަށް މެޗު ގުދުސް އިން ބޭރުގައި ކުޅުމަށް އެއްބަސްނުވެ ބައިތާރް ޖޭރޫސަލަމް ފުޓްބޯޅަ ކްލަބުގެ ވެރިޔާ މޯޝޭ ހޮގޭގް ބުނީ، އޭނާއަށް މެޗް ކެންސަލްކުރަން މަޖުބޫރުވީ، ގުދުސްއިން ބޭރުގައި މެޗް ކުޅެން ބޭނުން ނުވާތީ ކަމަށެވެ.

ބާސެލޯނާއާއެކު ކުޅެން ހަމަޖެހުނު މެޗް ގުދުސްއިން ބޭރުގައި ކުޅެން ކުރިމަތިވި ފިއްތުންތަކަކީ ސިޔާސީ ފިއްތުންތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް އެކަމުގައި ދޫދޭން އޭނާ ބޭނުން ނުވީ ކަމަށް މޯޝޭ ބުނެފައި ވެއެވެ.

ފޭސްބުކްގައި މޯޝޭ ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، އޭނާއަކީ ބާސެލޯނާގެ ފޭނެއް ކަމަށާއި، ނަމަވެސް އޭނާއަށް ގުދުސްއަށް "ޣައްދާރުވެވެން" ނެތް ކަމަށެވެ.

ގުދުސްގައި މެޗު ކުޅެން ބާސާއިން ދެކޮޅު ހެދުމުން އެކަމަށް ތައުރީފުކޮށް ފަލަސްޠީނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ވެރިޔާ، ޖެނެރަލް ޖިބްރިލް ރަޖޫބް ބާސާގެ ރައީސް ލަޕާޓާ އަށް ފޮނުއްވި ރަސްމީ ސިޓީއެއްގައި ވިދާޅުވީ، ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނާއި އެތައް މިލިއަން ސަޕޯޓަރުންނަށް އިހުތިރާމުކުރުމުގެ ގޮތުން ބާސާ އިން ނިންމި ނިންމުމަށް އެ އެސޯސިއޭޝަނުން މަރުހަބާ ކިޔާ ޝުކުރު އަދާކުރާ ކަމަށެވެ.