ޢީދުގެ އުފާ ފާޅުކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ގައުމީ އެއްބައިވަންތަކަން އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވީ ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ގައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށް ކަމަށާއި މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.

ޢީދުގެ އުފާ ފާޅުކުރާއިރު، ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށްވެސް ރައީސްގެ ޚިތާބުގައިވެއެވެ.

އަޟްހާ ޢީދަކީ، ޙައްޖުގެ އަޅުކަމާ ވިދިގެން އަންނަ އުފާވެރި މުނާސަބަތަކަށްވާއިރު، ޙައްޖުގެ އަޅުކަމާއި އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާމެދު ވިސްނުން ހިންގައި، އެ ގުޅުން ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭނެކަން ފާހަގަކުރައްވާ ރައީސް ވަނީ އެ ގުޅުމަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގުޅުން ކަމަށް ވިދާޅުވެފައެވެ.

ޢީދުގެ އުފާ ފާޅުކުރުމުގެ ކޮންމެ ޙަރަކާތެއްމެ ރަމްޒުކޮށްދެނީ މިދެންނެވި މަތިވެރި ގުޅުން. ޢީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ، މިދެންނެވި ގުޅުމަށް އަންނަ ހީނަރުކަން ނައްތާލައި، އެ ގުޅުންތައް އަލުން ބަދަހިކުރުމަށް. ހައްޖުގެ މަތިވެރި އަޅުކަމާއި އަޟްޙާ ޢީދުގެ އުފާވެރިކަމާ ދެމެދުގައިވާ ވަރުގަދަ ގުޅުމުން ޢިބްރަތް ޙާޞިލްކޮށް، ދިވެހި ގައުމާއިގެން ކުރިއަށް ދިޔުމަށްޓަކައި، އެންމެން އެކުގައި، އެއް ޢަޒުމެއްގައި އަލުން މަސައްކަތް ފަށަމާ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ކޮވިޑްގެ ހިތި ތަޖުރިބާތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްސަ ދެ މުނާސަބަތު ކަމުން ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށް ކަމަށް ރައީސްގެ ޚިތާބުގައިވެއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ތިބި ޢުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.