މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރުމުގެ ވިސްނުމެއް އެބަހުރި ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ މުބާރާތް ހޯސްޓު ކުރުމަށް އަލުން ބިޑަށް ހުށަހަޅައިފިނަމަ ރާއްޖޭގައި މުބާރާތް ބޭއްވުމަށް ބިޑު ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. އެހެންނަމަވެސް މި މަސައްކަތް ފެށޭނީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އަދި މުބާރާތް ހޯސްޓު ކުރުމަށް އޮޕްޝަންތަކެއް އެބައޮތް ކަމަށާއި، ހަމައެކަނި ރާއްޖޭގައިވެސް ނުވަތަ 2008 ވަނަ އަހަރެކޭ އެއްގޮތަށް ލަންކާ އާއި ގުޅިގެން ދެގައުމުން މުބާރާތް ހޯސްޓު ކުރާގޮތަށްވެސް މިކަން ކުރުމުގެ ފުރުސަތު އެބައޮތްކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި މި އޮޕްޝަންތަކުން ރަނގަޅީ ކޮން ގޮތެއްތޯ ބަލާ، އެކަމާއިމެދު މަޝްވަރާ ކުރައްވާނެކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެހެންނަމަވެސް މިވަގުތު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ފޯކަސް ކުރާނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކަމަށާއި، ސާފް ޗެމްޕިއަންޝިޕްގެ ބޭނުން ހިފާނީވެސް އަދި ކުރިއަށް އޮތް މަސްތަކުގައި ފީފާގެ މެޗް ޑޭސް ތަކުގެވެސް ބޭނުން ހިފާނީވެސް އަސްލު ޓާގެޓަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ބައްސާމް ވިދާޅުވިއެވެ.

އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގެ ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ރާއްޖެއަށް 2023 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބުނީ ރޭންކުތަކަށް ބެލުމަށްފަހުއެވެ.

ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ވިސްނުން އެފްއޭގެ ރައީސް ގެންގުޅުއްވާއިރު ކުރިމަތިވެފައިވާ ގޮންޖެހުން ތަކުގެ ސަބަބުން ބަންގްލަދޭޝް އަށް މުބާރާތް ހޯސްޓު ކުރެވިދާނެ ކަމާއިމެދު ވަނީ ސުވާލު އެފެދިފައެވެ.

ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު އެ ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ތަކަކީ މުބާރާތަށް ސްޕޮންސަރުން ހަމަ ނުޖެހުމާއި ކޮވިޑް-19ގެ ކޭސްތައް އިންތިހާ އަށް އިތުރުވަމުންދާތީ ހުރި ގޮންޖެހުން ތަކެކެވެ.

ބަންގްލަދޭޝްގައި މުބާރާތް ބޭއްވިދާނެ ކަމާއިމެދު ސުވާލު އުފެދިފައިވާއިރު ނޭޕާލުން ވަނީ މިހާރުވެސް މި މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ އެ ގައުމުގައި ސާފް ބޭއްވުމަށް ސަރުކާރުގެ ސަޕޯޓް ފުރިހަމަ އަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޯލީ ވަނީ ނޭޕާލުގެ ސްޕޯޓްސް ކައުންސިލާއި ފުޓްބޯޅަ ފެޑެރޭޝަން (އަންފާ) ކިބައިން ސާފް ބޭއްވޭތޯ ކުރަން ޖެހޭ މަސައްކަތްތައް އެ ވުޒާރާތަކުން ކުރަން އަންގާފައެވެ.

އަކުރަމް އަކީ ދެވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން

ރާއްޖެއިން މުބާރާތް ހޯސްޓު ކުރުމަށް ބިޑު ކުރުމަށް ބައްސާމް ޝައުގުވެރިވާކަން ހާމަކުރައްވާފައި ވާއިރު، 2008 ވަނަ އަހަރު ލަންކާ އާއި ރާއްޖެ ގުޅިގެން ހޯސްޓުކުރި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ރާއްޖެއިންނެވެ. ރާއްޖެއިން މިހާތަނަށް ދެފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު ދެފަހަރުވެސް ރާއްޖެއިން މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުއެވެ. އެންމެފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕުގެ ރަންވަނަ ހޯދީ ރާއްޖެއިންނެވެ.