އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ސަރުކާރާއި ދައުލަތުގެ ވެރިން މިއަދުގެ އީދު ނަމާދަށް ތިއްބަވަނިކޮށް، ރިޔާސީ ގަނޑުވަރު ކައިރިއަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

އަފްޣާނިސްތާނުގެ ރައީސާއި، ސަރުކާރުގެ ބައެއް ވެރިން އީދު ނަމާދަށް ތިއްބެވީ ރިޔާސީ ގަނޑުވަރުގެ ގޯތިތެރޭގައެވެ.

އެ ބޭފުޅުން އީދު ނަމާދަށް ތިއްބަވަނިކޮށް އެ ހިސާބާ ގާތަށް ރޮކެޓްހަމަލާތައް ދޭ އަޑުއިވޭ ވީޑިއޯއެއް ވަނީ އާންމުކޮށްފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ރިޔާސީ ގަނޑުވަރު ކައިރިއަށް ރޮކެޓް 3 ހަމަލާއެއްދޭ އަޑު އިވެއެވެ.

ފުރަތަމަ ހަމަލާގެ އަޑާއެކު ބައެއް ބޭފުޅުން ސިއްސައިގެންދާ މަންޒަރު ފެނެއެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ރައީސާއި އަދި އެހެން ބޭފުޅުންވެސް އީދު ނަމާދު ހުއްޓާނުލައްވައެވެ.

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރު ހުންނަނީ ކާބުލްގައި ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅު އަޅާފައިވާ ގްރީން ޒޯންގެ ތެރޭގައެވެ. އަފްޣާނިސްތާނުގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައްވެސް ހުންނަނީ ގްރީން ޒޯންގެ ތެރޭގައެވެ.

ރޮކެޓް ހަމަލާތައް އަމާޒުވެފައިވަނީ ގްރީން ޒޯނުގެ ބޭރުން ތިން ތަނަކަށެވެ. އެ ހަމަލާތަކުގައި ބައެއް ވެހިކަލްތަކަށާއި ތަންތަނަށް ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ކަމެއްވީކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާ ދިނީ ކޮންބައެއް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް މީގެކުރިންވެސް އެތައް ފަހަރަކު ހަމަލާތައް ދީފައި ވެއެވެ.

އަފްޣާނިސްތާނުގެ ވެރިރަށަށް މިއަދުގެ އީދު ނަމާދު ވަގުތާ ދިމާކޮށް ރޮކެޓް ހަމަލާތަކެއް މިދިނީ، އަފްޣާނިސްތާނުގެ ރަށްތައް ހިފުމަށް އެކި ހިސާބުތަކުގައި ތާލިބާން ޖަމާއަތުން ވަރުގަދަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދާ ވަގުތެއްގައެވެ.

އީދާ ދިމާކޮށް މީގެކުރިން ތާލިބާނުން ހަމަލާތައް ހުއްޓާލާ ނަމަވެސް، މިފަހަރު އެފަދަ ކަމެއް އިއުލާންކޮށްފައެއް ނުވެއެވެ.