ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތިން ބިލެއް ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މިއަދު ތަސްދީގު ކުރައްވާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލު އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
މި ބިލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖުލައި 8 ވަނަ ދުވަހުއެވެ.
މި ބިލުތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަށް ވަނީ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައިވެއެވެ.
ހަމަ އެހެންމެ ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ގާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ޤާއިމުކުރަންވާނެ ކަމަށާއި އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީ.ސީ.ސީ) ކަމުގައިވެސް މިއިޞްލާހުގައި ވެއެވެ.
މީގެ އިތުރުން މިއިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ޚިދުމަތް ދެމުންދާ މަރުކަޒުތައް ބީސީސީއިން އަލުން ގާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީކުރުމުގެ ޚިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބީސީސީއިން ގާއިމުކުރަންވާނެ ކަމުގައިވެސް އިސްލާހުގައިވެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ އަށްވަނަ ބާބު ކަމުގައިވާ "ވަޒީފާ އަދާކުރާ ފަރާތްތަކާގުޅޭ" ބާބު ވަނީ އުނިކުރައްވާފައެވެ.
މީގެ އިތުރުންވެސް ގާނޫނުގެ އެކި މާއްދާތަކަށް އިތުރު ތަފްސީލުތަކާއި އިސްލާހުތައް މިބިލުގައި ގެނެސްފައިވެއެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، ޢާންމުކުރުމާއި، ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމާއި، ގައުމުގެ އިގްތިސާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، "މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެއެވެ.
އަދި، މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާކަމެއް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުވާނެއެވެ.
މި ގާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ.
ޗީފް ސްޓެޓިސްޓީޝަން އައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުންވެސް މި ގާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް، އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ.
އަދި މިސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.