މިހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 564،228 އަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 564،228 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، މި އަހަރުގެ މަރޗް މަހުގައެވެ. އެމަހު ރާއްޖެ ޒީޔާރަތްކޮށްފައި ވާނީ 109،585 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 383،317 ފަތުރުވެރިންނެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ، 937،802 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާތަނަށް ފަތުރުވެރިންނަށް ހިދުމަތްދޭ 738 ތަނެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ 154 ރިސޯޓާއި، 430 ގެސްޓްހައުސްގެ އިތުރުން 140ސަފާރީއެވެ. މިއީ 54،042 ބެޑް ކެޕޭސިޓީއެވެ.

ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓްތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިންޑިއާ، ޔޫކްރެއިން، ޖާމަނީ، ކަޒަކްސްތާން، ފްރާންސް، ރޮމާނިއާ، އިނގިރޭސިވިލާތް އަދި ޔޫއެސްއޭގެ އިތުރުން ޗެކް ރިޕަބްލިކް އިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްފައިވަނީ އެމިރޭޓްސްއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ގެނައީ ގަތަރު އެއާވޭސް އިންނެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ގެނެސްފައިވާ ލިސްޓުގައި، އިންޑިގޯ، ގޯ އެއާ، ޓާކިޝް އެއާލައިންސް، މޯލްޑިވިއަން، ފްލައި ދުބާއީ، އަޒުރު އެއާ ރަޝިއާ، އޮސްޓްރިއަން އެއާލައިންސްގެ އިތުރުން އިއްތިހާދް އެއާވޭސް ހިމެނެއެވެ.

މިއަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު، 1.5 މިލިއަނަށް އަރާނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.