މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހިންގާ "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަށް ޓެކްނިކަލް ކޮންސަލްޓަންޓް އެއް ހޯދަން އިއުލާންކޮށްފިއެވެ.

މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ، ރާއްޖޭގައި ކުރެވޭ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފަށާފައިވާ ޕްރޮޖެކްޓެކެވެ.

ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާއި ހަވާލުކޮށްފައިވެއެވެ.

އެމްއެމްއޭއިން ކޮށްފައިވާ އިއުލަނެއްގައި ބުނެފައިވަނީ، "މޯލްޑިވްސް ޕޭމެންޓް ސިސްޓަމްސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ދަށުން ތައްޔާރުކުރާ ޕޭމެންޓް ޕްލެޓްފޯމް ގެ އިންޕްލިމެންޓޭޝަންގެ މަސައްކަތަށް ޓެކްނިކަލް ކޮންސަލްޓަންޓެއް ހޯދަންބޭނުންވާކަމަށެވެ.

މަސައްކަތަށް ބިޑު ހުށަހެޅުމާ ގުޅޭ ލިޔެކިޔުންތަކާއި ފޯމު އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުރި އިރު, ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓް އެއްވަނަ ދުވަހުގެ ކުރިން އެމްއެމްއޭގައި ރެޖިސްޓްރީކުރަން އެ އިދާރާއިން އެދިފައިވެއެވެ.

ބިޑު ހުށަހަޅަން ޖެހެނީ އޯގަސްޓް 12 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ.

ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މިސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގުފަހި ވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މިސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

އެމްއެމްއޭއިން ބުނީ މިމަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، ކުރެވިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަންފެށޭނެކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.