• އެކްޓިވް ކޭސްގެ އަދަދު 2،619 އަށް މައްޗަށް
  • ކޮވިޑްބައްޔާ ގުޅިގެން ހޮސްޕިޓަލްތަކުގައި ފަރުވާދޭ މީހުންގެ އަދަދު 8 އަށް ތިރިއަށް

ރާއްޖެއިން 169 މީހުން ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،932 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 169 ސާމްޕަލް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 24 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 127 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 15 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. 3 މީހަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 169 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 76،188 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 19 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 73،340 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 2،619 ގައެވެ. މީގެތެރެއިން 8 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑްބަލީގައި ރޭ މެންދަމު އުމުރުން 91 އަހަރުގެ މީހަކު މަރުވެ، މިބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 217 އަށް އަރާފައެވެ.