ރައްޔިތުންގެ އާދޭސްތަކަށް ސަރުކާރުން ބީރުކަންފަތެއް ދޭތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް ނިންމަން ސަރުކާރުން ދީފައިވާ ތިންމަހުގެ މުއްދަތު ގުނަން ފަށާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލާދީ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މޭޔަރު މުޢިއްޒު ވަނީ ތިންމަސް ދުވަހަކީ ފްލެޓުގެ ފިނިޝިން މަސައްކަތަށް މާކުރު މުއްދަތެއް ކަމަށް ވިދާޅުވެ އެ މުއްދަތު ނުވަމަސް ދުވަހަށް އިތުރުކޮށްދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ.

މުޢިއްޒު ވަނީ އަދިވެސް އެ ތިންމަހުގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ނުވިސްނަނީތޯ ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުންގެ އާދޭހަށް މިހާ ބީރުކަންފަތެއް މިދެނީ ކީއްވެތޯ ވެސް ސުވާލު އުފައްދަވާފައި ވެއެވެ.

ޑ.ރ. މުޢިއްޒު ވިދާޅުވީ މަދުވެގެން ނުވަމަސް ދުވަހުގެ މުއްދަތެއް ފްލެޓުތައް ނިންމުމަށް ހަމަޖައްސައިދިނުމަށް އެދި ރަސްމީކޮށް ލިޔެކިޔުންވެސް ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

ސަރުކާރުން ހިޔާ ފްލެޓުތައް ހަވާލުކުރީ ފިނިޝިން މަސައްކަތް ނުނިންމައެވެ.

ފްލެޓު ލިބުނު މީހުންގެ އަތުން އެތަންތަނަށް ކުލި ނުހިނގާ ގޮތަށް ފިނިޝިންގެ މަސައްކަތަށް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ތިންމަސް ދުވަހުގެ މުއްދަތެކެވެ.

އެ ތިންމަސް ގުނަން ފަށާނެ ތާރީޚެއް ކުރިއަށް އޮތް ހަފުތާގައި އިޢުލާންކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ފްލެޓު އެއްބަސްވުމުގައި ސޮއިކޮށް ވެރިފަރާތަށް ތަޅުދަނޑި ހަވާލުކުރި ނަމަވެސް ފްލެޓްތަކަށް އަދި ކަރަންޓެއް ނުލިބެއެވެ. އެޗްޑީސީން ބުނާގޮތުގައި އެތަންތަނަށް ކަރަންޓު ދީ ނިންމައިލެވޭނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިޔާ ފްލެޓުތައް ނިންމަން ދީފައިވާ ތިންމަސް ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގަތުމުގެ އިތުރަށް ހިޔާ ފްލެޓުތަކުގެ ކުލި 8،500 ރުފިޔާއިން 5،600 ރުފިޔާއަށް ކުޑަކޮށްދިނުމަށް ވެސް މޭޔަރު މުޢިއްޒާއި ސިޓީ ކައުންސިލުން ވަނީ ސަރުކާރުގައި މީގެކުރިން އެދިފައެވެ.

ކުލި ކުޑަކޮށްދިނުމަށާއި ފިނިޝިން މަސައްކަތް ނިންމަން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ހިޔާ ޔޫނިއަންގެ ފަރާތުން ވެސް ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން މިއިން އެއްވެސް ފަރާތެއްގެ އެދުމަށް ޖަވާބެއް މިހާތަނަށް ދީފައިނުވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.