މާލެއިން ކަރަންޓު ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިއަދު މެންދުރު ގާތްގަނޑަކަށް 12 ޖެހި އިރު މުޅި މާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު މުޅި މާލެއަށް އަލުން ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ގްރޭޓާމާލެ ގްރިޑްގެ މަސައްކަތް ކުރަމުންދާއިރު، މިއަދު ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތްކަމަށް އެކުންފުނިން ކުރިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، މިޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި، މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި އެފަރާތުން ކުރަމުންގެންދާ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި، ގްރޭޓާމާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭކަމަށް ސޮޓެލްކޯއިން ބުނެއެވެ.

ޖުލައި 22 ވާ ބްރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައި ވެއެވެ.