2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ޖާގަ ގިނަ ލީޑަރުންނަށް ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހުދުމުޚުތާރު ކަމުގެ ސަބަބުން ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ޖާގަ ގިނަ ލީޑަރުންނަށް ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހުދުމުޚުތާރު ކަމުގެ ސަބަބުން ކަމަށާއި އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްވެސް އެ ފުރުސަތު ޔާމީން ވަނީ ގެއްލުވާލާފައި ކަމަށެވެ.

ނަމަވެސް މިދިޔަ ރިޔާސީ އިންތިޙާބުގައި ޖުމްހޫރީ ޕާޓީން ސީދާގޮތެއްގައި އިންތިޚާބުގައި ވާދަނުކުރިނަމަވެސް އެ އިންތިޚާބުގައި ޖޭޕީން ވާދަކުރި ކަމަށާއި ރިޔާސީ ޓިކެޓުގައި ޖޭޕީގެ ނަން އޮތް ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ދަންނަވަން މިއުޅޭ އެއްޗަކީ 2023 ވަނަ އަހަރަށް އަދި ތައްޔާރުނުވިނަމަވެސް އަޅުގަނޑުމެން ބޮޑަށް މިބަލަނީ އެޗްޕީއޭގެ ގައިޑްލައިންސްތަކަށާއި ގަވާއިދުތަކަށް ބޯލެބުމަށް. އެޗްޕީއޭއިން ލުއިތައް ދޭހާ އަވަހަށް އަޅުގަނޑުމެންގެ ސިޔާސީ މަސައްކަތް ފެއްޓޭނެ. އަޅުގަނޑުމެންގެ މެމްބަރުންވެސް ތިބޭނެ. އަޅުގަނޑުމެން މެމްބަރުން އިތުރުވެސް ކުރާނަން. މެމްބަރުން އިތުރު ކުރުމަށްޓަކައި ޕާޓީ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށް."
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚް މިއަދާއި ހަމައަށް އައިއިރު ޖުމްހޫރީ ޕާޓީއަކީ މުހިންމު ޕާޓީއެއްކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ 2008 ވަނަ އަހަރުންފެށިގެން ރާއްޖޭގެ ވެރިކަމަށް ވެރިންނަށް އާދެވުނީ ޖުމްހޫރީ ޕާޓީގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.

އެގޮތުން ރާއްޖޭގައި ފުރަތަމަ މަލްޓި ޕާޓީ ޑިމްކޮރަސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކަށް ކާމިޔާބު ހޯދުނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބުރަ މަސައްކަތުން ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ކޯލިޝަން ދެމިއޮންނާތީ ބައެއް ބޭފުޅުން ހިތްހަމަނުޖެހުނަސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ކޯލިޝަން ޗެމްޕެއިނެއްކަން ފާހާގަކުރައްވާ އަލީ ސޯލިހު ވަނީ ކޯލިޝަން ރޫޅާނުލާ ކޯލިޝަން ދަމަހައްޓަމުންދާ އެއް ލީޑަރެއްގެ ގޮތުގަ ދިވެހި ތާރީޚުން ފެންނަން ހުރީ ރައީސް ސޯލިހު ކަން ފާހަގަކުރައްވާފައެވެ.

ކުރީ ސަރުކާރުން ޖުމްހޫރީ ޕާޓީ ކޯލިޝަނުން ނެރެ އެއްލުމަށްފަހު ޕާޓީގެ ދިދައާއި ލޯގޯވެސްއަތުލުމަށް ފަހު ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވަން ހުރި ކެންޑިޑޭޓު ގާސިމް އިބްރާހީމް ޕޯޑިއަމެއްގައި ދެއްކެވި ވާހަކައަކާއި ގުޅިގެން އެމަނިކުފާނު ޖަލަށްލާ ބަންދުކުރީ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީއާއެކު ކޯލިޝަން ކޮންމެ ސަރުކާރަކުންވެސް ހަދަނީ ހެޔޮ ނިޔަތުގައި ކަމަށް ބުނެ ވަކި ހިސާބަކުން ޖޭޕީ ބޭރުކުރާކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ ރައީސް ސޯލިހު ނޫން ބޭފުޅަކު މިއަދު ވެރިކަމުގައި ހުންނެވިނަމަ ޖޭޕީއަށް ވެގެންދާނީ ހަމަ އެފަދަ ގޮތެއް ކަމަށެވެ.

ކޯލިޝަނަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަރަށް ބޮޑަށް ކޯފާވެގެން ކޯލިޝަނަށް ރޫޅާލަންޖެހޭ ކަމުގެ ވާހަކަތައް ދައްކަވާ. އެކަމަކު ކޯލިޝަން ހައްދަވަން ފައިލް ބޮނޑި ހިއްޕަވައިގެން ވަޑައިގަންނަވާއިރުގައިވެސް އެންމެ ކުރީގަވެސް ހުންނަވާނީ އެ ވާހަކަތައް ދައްކަވާ ބޭފުޅުން. އިންތިޚާބުވުމަށްޓަކައި ޖޭޕީއަކީ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ދެއްކުމަށްޓަކައި ވަރަށް ގިނަ ސަކަރާތް ޖައްސަވާނެ."
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހު

އަދި އިންތިޚާބު ކާމިޔާބުވުމާއެކު އިންތިޚާބު ކާމިޔާބުކުރި ބޮޑު ޕާޓީގެ އެއްޗަކަށް މުޅި އިންތިޚާބު ހެދުމަށްޓަކައި އަބަދުވެސް ބަޔަކު މަސައްކަތްކުރާ ކަމުގެ ތުހުމަތުވެސް އަލީ ސޯލިހު ވަނީ މި ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީ ވިލަރެސް ކުރުމުގަ އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ޕަޓީ އޮފީހުން އަންނަނީ ކުރަމުން ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ޕާޓީގެ ސިޔާސީ މަސައްކަތްތައް އޮތީ މަޑުޖެހިފައިކަން ފާހަގަކުރައްވާ އަލީ ސޯލިހު ވިދާޅުވީ 2023 ހަށް އަދި އެއްވެސް ތައްޔާރެއް ވަމުން ނުދާ ކަމަށެވެ.

2018 ވަނަ އަހަރާއި އަޅާބަލާފަ 2023 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ގިނަ ވާނެ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.