މެއި 6 ވަނަ ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އިންޑިއާގެ ނޫހަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ، ބޮން ގޮއްވާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީވެސް ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ކަމަށާއި އަދި އެ މީހުންނާއި އައިއެސްއާ ގުޅިފައިވާ ކަމަށެވެ.

މީގެކުރިންވެސް ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ހަމަލާތައް ދީފައިވާކަމަށާއި އެހެންނަމަވެސް، އެމަނިކުފާނަށް އަމާޒުކޮށް ރިމޯޓް މެދުވެރިކޮށް ރާއްޖޭގައި އެއްޗެއް ގޮއްވާލާފައި މިވަނީ އަލަށް ކަމަށް ރައީސް ނަޝީދުގެ އިންޓަވިއުގައި ވަނީ ވިދާޅުވެފައެވެ. އަދި އެއްގޮތް ކަންތައްތަކެއް އެކުލެވޭ ގޮތަށް ރާއްޖޭގައި ތިން މީހަކު މަރާލާފައިވާކަމަށެވެ.

ސަރުކާރުން ހަމަލާ ތަހުގީގުކުރިނަމަވެސް އަދިވެސް އެ ހަމަލާގެ އެންމެ ފުނަށް ތަހުގީގުން ނުދެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ، މއ. ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒް އަހްމަދާއި ގއ. ކޮނޑޭ ފޮޅޭމާގޭ އުމުރުން 32 އަހަރުގެ ތަހްމީނު އަހްމަދެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެެއިންނެވެ. ދެން ހައްޔަރުކުރީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. އެއީ ވ. ތިނަދޫ ހިޔާ އުމުރުން 25 އަހަރުގެ އަދުހަމް އަހްމަދު ރަޝީދުއެވެ.

އަދި މީގެއިތުރުން މެއި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބ. ދަރަވްނަދޫއިންވެސް މި މައްސަލާފައި މީހަކު ހައްޔަރުކޮށްފައިވާއރިު، އެރަށުން ހައްޔަރުކުރީ ލ. ގަން، ތުނޑި، ދުންފިނި އުފާ، އުމުރުން 23 އަހަރުގެ އަހްމަދު ފާތިހުއެވެ. ހަމަލާގެ ތުހުމަތުގައި ޖޫން މަހުގެ 11 ވަނަ ދުވަހުވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ. އެދުވަހު ހައްޔަަރުކޮށްފައިވަނީ ނ. މަނަދޫ، ނޫރީގެ، އުމުރުން 27 އަހަރުގެ އަލީ ހައިޝަމް އެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލައަކީ މިވަގުތު ކަމާބެހޭ އިދާރާތަކުން ހުރިހާ ސަމާލުކަމެއް ދީގެން ވަރަށް ސީރިއަސްކޮށް ބަލަމުންގެންދާ މައްސަލައެކެވެ.

މިކަމާއި ގުޅުން ހުރި އެއްވެސް މީހަކު ދޫނުކޮށް، ފައިނޭންސް ކުރި މީހުންނާއި، މި އަމަލު ހިންގި މީހުންނާއި މިކަމުގައި ހުރިހާ ގޮތަކުން އެއްބާރުލުން ދިން މީހުން ހޯދަން ކުރަންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޕީޖީ ހުސެއިން ޝަމީމް މީގެކުރިން ވިދާޅުވެފައިވެއެވެ.

އަދި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެކަން ކުރައްވާނެކަމަށާއި، ނަމަވެސް އެމުއްދަތުގެ ކުރިން ނިމުނުކަމުގައި ވިޔަސް އަވަސްއަރުވާލައިގެން އެއްވެސް ކަމެއް ދޫކޮށްނުލައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.