ޗުއްޓީގައި މަޖާކުރާއިރުވެސް، ކޮވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ދެމުންދާ ނަސޭހަތްތައް ހަނދާންކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އިލްތިމާސްކޮށްފިއެވެ.

މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވަނީ، މާސްކު އެޅުމަށާއި، ގިނަގިނައިން އަތްދޮވެ، ސެނެޓައިޒް ކުރުމަށް ހަނދާންކޮށްދީފައެެވެ. އަދި އޭނަ ވަނީ، ކޮވިޑުން ރައްކާތެރިވުމަށްޓަކައި ސިއްހީ މާހިރުން ދެމުން ގެންދާ ނަސޭހަތްތައް އަބަދުވެސް ހަނދާންކުރުމަށް އެދިފައެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންއިން ހޮސްޕިޓަލުގައި އެޑްމެޓްކުރުގެ ރިސްކު ކުޑަވާނެކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ އިތުރު ރާޅަކުން ރައްކާތެރިވެވެނީ ހުރިހާ އެއްމެންވެސް ފަރުދީ ޒިންމާ އަދާކޮށްގެންކަމަށެވެ.

މަބްރޫކް މިފަދައިން ވިދާޅުވެފައިވާއިރު، ކޮވިޑް-19ގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް ކުރިމަތިވެ، ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އިން މައްޗަށް އެރިއެވެ. އަދި މި ރާޅުގައި ގިނަ ބަޔަކު ވަނީ މަރުވެސްވެފައެވެ. މިއީ މިހާތަނަށް ރާއްޖެއިން ތަޖުރިބާކުރި އެންމެ ނުރައްކާތެރި ރާޅެވެ.

އެހެންނަމަވެސް މިހާރު ބަލި ކޮންޓްރޯލްކުރެވި، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށައް ގޮސްފައެވެ.

މިއާއެކު ސަރުކާރުން ވަނީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއްދީފައެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ އެއް ރަށުން އަނެއް ރަށައް ދަތުރުކުރަމުންނެވެ.

މިދުވަސްވަރު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގިނަ ބަޔަކު މިދުވަސްވަރު ދަތުރުކުރާއިރު އެއްކޮށް އުޅޭ މީހުން ފިޔަވާ އެހެން މީހުންނާ މަދުވެގެން 3 ފޫޓުގެ ދުރުމިން ބެހެއްޓުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

ޢީދަކީ، ގިނަ ޙަރަކާތްތައް އިންތިޒާމުކުރާ ދުވަސްވަރެއް ނަމަވެސް އެޗްޕީއޭއިންވަނީ މިފަހަރުގެ ޢީދާއި ގުޅިގެން ބާއްވާ ޙަރަކާތްތަކުގައި އެކުގައި އުޅޭ ޢާއިލާ މީހުން ފިޔަވާ އިތުރު މީހުން ބައިވެރި ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ގިނަ މީހުން އެއްވެގެން ބާއްވާ ޢީދު ޙަރަކާތްތަކާއި ކެއުންތައް ނުބޭއްވުމަށާއި، މިދުވަސްވަރު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވީނަމަވެސް އެއްރަށުން އަނެއް ރަށަށް ގޮސްގެން ބާއްވާ ކުޅިވަރު މުބާރާތްތައް މިދުވަސްވަރު ނުބޭއްވުމަށްވެސް ވަނީ އަންގާފައެވެ.