އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުއާ އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް އެ ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ ވޭމަންޑޫ ގޮފިން ގޮވާލައިފިއެވެ.

އެމްޑީޕީގެ ވޭމަންޑޫ ގޮފިން މިކަމަށް އެދި ގޮވާލާފައިމިވަނީ މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ، ރައީސް ޔާމީންނާއި، ޕީޕީއެމްގެ އެހީއަށްއެދޭނެ ކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ހަސަން ލަތީފްވެސް ވިދާޅުވެފައިވަނިކޮށެވެ.

ވޭމަންޑޫ ގޮފިން ނެރުނު ބަޔާނުގައި ވަނީ އެ ޕާޓީން މީގެ ކުރިން ރީކޯ މޫސައާއި އަލްހާނު ފަހުމީ ވަކި ކުރި އުސޫލުން ރައީސް ނަޝީދާއި ޗެއާޕަރސަން ހަސަން ލަތީފު ވަކިކުރުމަށް އެދޭ ކަމަށެވެ.

އަދި އިދިކޮޅު ޕީޕީއެމް އާ ގުޅިގެން ސަރުކަރާ ދެކޮޅަށް ކޯލިޝަން ހަދަން ރައީސް ނަޝީދާއި ހަސަން ލަތީފް ގޮވާލައްވާފައިވާ ކަމަށާއި އަސާސީ ގަވާއިދުގައިވާ ގޮތުން އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށްވެސް ވޭމަންޑޫ ގޮފިން ނެރުނު ބަޔާނުގައިވެއެވެ.

ދެވަނަ ދައުރެއް ރައީސް ސޯލިހު ބޭނުންފުޅުވާނަމަ ވެސް އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއަކާ ނުލައި މީގެ ކުރިން ވެސް ނަޝީދަށް 2013 ގެ ޓިކެޓް ދިން ފަދައިން 2023 ގެ ޓިކެޓް ދޭންޖެހޭ ކަމަށް ވެސް އެ ގޮފިން ވަނީ ބުނެފައެވެ.

އެމްޑީޕީ ވޭމަންޑޫ ގޮފިން މިހެން ބުނެފަވާއިރު ސަރުކާރަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ ސްޓޭޓްމަންޓެއްވެސް ނެރުއްވާފައެވެ.

އެ ސްޓޭޓްމަންޓްގައި ރައީސް ސޯލިހަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި ސަރުކާރަށް ވެސް ނުފޫޒު ފޯރުވަނީ އަދާލަތު ޕާޓީން ކަމަށެވެ.