އިންޑިއާއާ ގުޅުން ބޭއްވުމާ ދެކޮޅު އެއްވެސް ވިސްނުމެއް ރާއްޖޭގައި އޮވެގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވިއޯން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އިންޑިއާއެކު މަސައްކަތް ކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އިދިކޮޅު ފަރާތްތައްވެސް ހިމެނޭގޮތަށް ރާއްޖޭގެ ސިޔާސީ ހުރިހާ ފަރާތްތަކުން، އެކައްޗެއް ކިޔައި ރާއްޖޭގެ އެންމެ ދުވަސްވީ އެއް އެކުވެރިޔާ، އިންޑިއާއެކު މަސައްކަތްކުރަން ޖެހޭކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

އިންޑިއާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ އާއެކު ހާއްސަ ގުޅުމެއް ބާއްވައި އިންޑިއާއަކީ ފަސްޓް ފޮރިން ޕޮލިސީގެ ގޮތުގައި ދެކެންޖެހޭނެ ކަމަށެވެ.

އިންޑިއާ އާއިއެކު ބާއްވަމުން ގެންދާ ބައެއްކަހަލަ ސިއްރު ގުޅުންތައް ހުއްޓާލުމަށް ގިނަ ބަޔަކު ގޮވަމުންދާ މިދަނޑިވަޅު މީގެކުރިންވެސް ރައީސް ނަޝީދު ވަނީ އިންޑިއާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެންދިޔައީ އިންޑިއާއާ ދުރު، ޗައިނާއަ ގާތް ގުޅުން ބޭއްވުމުގެ ޚާރިޖީ ސިޔާސަތެކެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހަންމަދު ސާލިހް ވެރިކަމަށް ވަޑައިގެން ފެނިގެންދިޔައީ އަނެއްކާވެސް އިންޑިއާ ގާތް ގުޅުންތަކެއް ބޭއްވުމުގެ ސިޔާސަތެކެވެ.

އިންޑިއާއިން ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޮޑެތި މާލީ އެހީތެރިކަމެއް ވެދީ، ބޮޑެތި އަދަދުތަކުން ލޯނުތައްދީ، އަދި ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްވުން ވެގެންދިޔައީ ގިނަ ބަޔަކު ކަންބޮޑުވެ އެކަމާ ދެކޮޅުވި ކަމަކަށެވެ.