ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ތަހްގީގު ނިންމައި ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވާފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލް މިއަދުވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ދައުވާކުރަން ފޮނުވި ހަތަރު މީހުންނަކީ، ވ. ތިނަދޫ، ހިޔާ، އަހުމަދު ރަޝީދު އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ލ.ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެވެ.

މި ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް ފަރާތަކަށް ތަހުގީގު ހިންގަމުންދާ ކަމަށާއި، އޭގެތެރެއިން ހަތަރު މީހަކަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މިކަމާއި ގުޅުންހުރި އިތުރު ތަފްސީލް، ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންނާއިއެކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރާނެކަމަށް ވިދާޅުވެ ޕްރޮސެކިއުޓަރ ހުސެއިން ޝަމީމް ވަނީ ޓްވީޓެއް ކުރައްވާފައެވެ.