ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އަދިވެސް ލުއި ދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ވިއޯން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޗައިނާގެ ނުފޫޒު ރާއްޖެއަށް ކުޑަކުރުމަށް އެންމެ ފުރަތަމަވެސް ކުރި ކަމަކީ ޗައިނާއަށް ދަރާފައިވާ މިންވަރު އިތުރަށް ބެލުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޗައިނާގެ ކުންފުނިތަކާއި ބޭންކުތަކުގެ އިތުރުން އެ ގައުމުގެ ސަރުކާރަށް ދަރާފައިވާ އަދަދު ބަލަން މަޖިލީހުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިތަކާ ގުޅިގެން ޗައިނާއަށް ދަރާފައިވާ އަދަދު ދެއްކުން ވެގެންދާނީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން ޗައިނާއިން ވަނީ ނިންމާފައެވެ.

ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުގައި ޗައިނާގެ ނުފޫޒުން ރާއްޖެ ސަލަމާތްވާން ޖެހެއެވެ. އަދި ގާތް ގުޅުމެއް ބާއްވަން ޖެހެނީ އިންޑިއާ އާއި އެކުގައެވެ.