ކޮވިޑްބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެންދުނު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނެވުނު ކަމަށާއި، އެމީނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައެޅީ ހެނދުނު 7:00 ގައި ކަމަށެވެ.

މިއީ، ކޮވިޑްބަލީގައި ރާއްޖެއިން މަރުވި 218 ވަނަ މީހާއެވެ.

މިބަލީގައި އިއްޔެރޭ މެންދަމުވެސް ރާއްޖެއިން އުމުރުން 91 އަހަރުގެ ދިވެހި އަންހެނަކު މީހަކު މަރުވެފައި ވެއެވެ. ބ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދނިކޮށް އެމީހާ ނިޔާވީ އިއްޔެރޭ މެންދަމު 1:05 ގައެވެ.

ކޮވިޑްބަލީގައި މިދިޔަ ހުކުރުދުވަހުވެސް މީހަކު މަރުވެފައި ވެއެވެ.

މިއަހަރުގެ މެއިމަހުގެ ތެރޭގައި ކޮވިޑްބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަރަށް މަތިވެގެން ދިޔައެވެ.

އެއް ދުވަހަކަށް ބަލާއިރު ކޮވިޑްބަލީގައި ރާއްޖެއިން އެންމެ ގިނަމީހުން މަރުވީ މެއިމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު 13 މީހުން މަރުވިއެވެ.

ބަލީގައި މަރުވާ މީހުންގެ އަދަދުތައް މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ކޮވިޑްބަލީގެ ހާލަތުވެސް ރާއްޖޭގައި ރަނގަޅު ވަމުން އަންނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭއިން ރޭ ބުނެފައިވަނީ، ކޮވިޑް ބައްޔާ ގުޅިގެން މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 8 މީހަކަށް ކަމަށެވެ.