އައްޑޫ ސިޓީން މިއަދުވެސް ކޮވިޑް-19 ގެ ކޭސްތަށް ފެނިއްޖެއެވެ.

އެ ސިޓީން މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މަރަދޫ އަވަށުންނެވެ. މަރަދޫއިން ޕޮޒިޓިވްވި ހަތަރު މީހުންނަކީވެސް ކުރިން ޕޮޒިޓިވްވި މީހުންނާ ކޮންޓެއްޓުވެފައިވާ މީހުންއެވެ.

މަރަދޫން މިއަދު ޕޮޒިޓިވްވި މީހުންނާއެކު އައްޑޫ ސިޓީން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 553 އަށް އަރާފައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 400 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިވަގުތު ހޮސްޕިޓަލުގައި ދެމީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އައްޑޫ ސިޓީން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.

އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލައި، ލުއިތައް ދީފައިވާއިރު ގިނަ ކަންކަމަށް ސަމާލުވުމަށްވަނީ އިލްތިމާސް ކޮށްފައެވެ.