ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހީންނާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ނެގެޓިވް ޕީސީއާރް ނަތީޖާއާއެކު ރާއްޖެ އާދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެ ވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއާއެއް އޮންނަން ޖެހޭނެކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ، ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ( ފަސްދޮޅަސް) ދުވަސް ނުވާ ފަރާތްތަކާއި ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް، (ރާއްޖެއަންނަ ދުވަހާ ހަމައަށް) 14 ދުވަސް ވެފައިވާ ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

އަދި، އެމީހުންނާއެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނަމަވެސް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ފަރާތްތަކާއި، އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5 ނުވަތަ 7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި އެ ހާލަތްތަކަށް ނުފެތޭ ފަރާތްތައް ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭ ކަމަށާއި، މި ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދަތުރުކުރާ ފަރާތްތައް ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.