ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކީ ރޯމާ ދުވާލު ކޮށްފައިވާ ވައްކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ތުހުމަތުކުރައްވައިފިއެވެ.

ޑރ ޖަމީލް މިފަދަ ތުހުމަތެއް ކުރެއްވީ ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވިތާ 600 ދުވަސް ވުމާއި ގުޅިގެން ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކިރިޔާ ވެސް އަދުލު އިންސާފުގެ ޒައްރެއްގެ މިންވަރުގެ ލޯތްބެއް ހުރި ފަނޑިޔާރަކު ނަމަވެސް، ރައީސް ޔާމީންގެ މައްޗަށް އަދީބު އާއި ޒިޔަތު، ދޭ ހެކިބަހުގެ މައްޗަށް ބިނާކޮށް ޝަރީއަތެއް ނުނިންމާނެ ކަމަށް ޑރ ޖަމީލް ވީދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައެވެ.

ޑރ ޖަމީލް ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމުގެ އުއްމީދުގައި ތިބި ދިވެހި ރައްޔިތުންނަށް ފެނިގެން ދިޔައީ ފަނޑިޔާރުގެ ރައީސް ކަމުގެ ކޮއިލު ގެ ތެރެއިން ހިންގަމުންދާ ނިޒާމު ކަމަށެވެ. މިހާރު ވެސް ވެރިކަމުގައި ތިއްބެވި ފަރާތްތަކުން އަދުލް އިންސާފުގެ ނިޒާމަށް ބާރުފޯރުވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.