ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވާ ގޮތަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވުމުން، ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަ ނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކްއިން ވުމަށް ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ، ރަށުގައި ދިރިއުޅޭ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް 95 އިންސައްތަ މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާނަމަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކްއިން ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުން ވެކްސިން ޑޯޒްތައް ފުރިހަމަވާން ޖެހޭ ކަމަށްވެސް އެޗެޕީއޭއިން ބުނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިނުވާ ނަމަ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ޗެކް-އިން ވެވޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭ ކަމަށާއި، ވެކްސިން ޑޯޒް ފުރިހަމަވެފައިވާ ކަމަށް ބަލާނީ ވެކްސިން ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ވުމަށްފަހު 14 ދުވަސް ވުމުން ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަދި، ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރާ ގައުމުތަކުގައި ބަލީގެ ހާލަތު އޮތްގޮތަށް ބަލައި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޗެކްއިން ކުރުމުގައި އަމަލުކުރުމަށް ބަދަލުގެނެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.